މިޚިދުމަތުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި، އޮމާންކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ގައުމާ މުހާތަބުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި އަބަދު ވެސް ހުންނަވާނެ ކަމަށާއި، ނަމަވެސް މި ޚިދުމަތުން ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ ޚިދުމަތުގައި ނޮވެންބަރު 17 އާ ހަމައަށް މިގޮނޑީގައި އަޅުގަނޑު މަސައްކަތް ކުރާނަން. މިމުއްދަތުގެ ތެރޭގައި އަމާންކަމާއެކު ދިވެހިރާއްޖެ އަނެއްކާ ވެސް ބަދަލުވެގެންދާނީ އެހެން ޒާއަމަތަކަށް މަރުހާބާ ކިޔަން." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކެއް ކަމަށާއި، ކޮށްދެއްވި ޚިދުމަތްތައް އަގު ވަޒަން ކުރުމަކީ ދިވެހި ރައްޔިތުންގެ އަތުގައި އޮތް ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ މީހުންގެ ތެރޭގައި ހިޔާލު ތަފާތުވާ ކަންކަން ހުންނާނެ ކަމަށާއި، އެހެން ނަމަވެސް ސިޔާސީ ލީޑަރުން މަސައްކަތް ކުރައްވާގޮތުން ދިވެހި ރައްޔިތުން އުފުލަން ޖެހޭ އުނދަގުލެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން އެއްބަޔަކު އަނެއް ބަޔަކަށް އެއްވެސް ކަހަލަ އުނދަގޫ ކަމެއް މެދުވެރި ނުކުރުމަށް ރައީސް ޔާމިން އިލްތިމާސް ކުރެއްވިއެވެ.