ޕީޕީއެމްގެ ކެންޑިޑޭޓްގެ އިންތިޚާބީ ބައިވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަމިއްލަފުޅު ރަށުން އެ ދެ ބޭފުޅުން ބޮޑު ތަނުން ބަލިވެއްޖެ އެވެ.
އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ، ގއ. މާމެންދޫގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި، އެ ރަށުން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 36.5 ޕަސެންޓް ވޯޓެވެ. އިބޫ އަށް ލިބިވަޑައިގެންފައި ވަނީ 63.5 ޕަސެންޓް ވޯޓެވެ.
އަމިއްލަފުޅު ރަށުން ޝަހީމް ބަލިވީ، އެރަށުން ވާހަކަ ދެއްކެވި މީހަކު ބުނި ގޮތުގައި މި ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވުމުންނެވެ.

މާމެންދޫގެ އެންމެ ނުފޫޒުގަދަ އެއް އާއިލާއަކީ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހްތާޒު މުހްސިންގެ އާއިލާއެވެ. ސައްހަ ނޫން ކޯޓު އަމުރެއް ހޯދައިގެން ރައީސް ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ތުހްމަތުކުރި މައްސަލައިގައި 17 އަހަރަށް މުހްތާޒު ޖަލަށް ލާފައިވާއިރު، އެ މައްސަލައިގައި ޖަލަށްލި މާމިގިލީ ކޯޓްގެ ގާޒީ އަހްމަދު ނިހާނު އަކީ ވެސް މާމެންދު އަށް ނިސްބަތްވާ ބޭފުޅެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ޝަހީމް ގއ. އަތޮޅަށް ވަޑައިގަތުމާ ދިމާކޮށް މާމެންދޫގައި ޝަހީމާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ކުރި އެވެ.
މާމެންދޫ ވޯޓުގެ ނަތިޖާ މިހެން ދައްކާއިރު، ރައީސް ޔާމީންގެ މަންމާފުޅުގެ ރަށް ނ. ވެލިދޫގެ އަޣުލަބިއްޔަތު ވެސް ހޯއްދެވީ އިބޫ އެވެ.