އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ބަލިވެފައިވާއިރު، ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެއް ދިމާވެފައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުގައި ހުންނެވި، އުމުރުފުޅުން 56 އަހަރުގެ އިބޫ އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ 58.3 ޕަސެންޓް ވޯޓުންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތި 41.7 ޕަސެންޓް ވޯޓެވެ.
ބައެއް ފޮށިތައް ބަންދުކުރުން ލަސްވަމުންދާތީ، އާދީއްތަ ދުވަހުގެ ރޭ މެންދަމު ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ބައެއް ފޮށިތައް ބަންދުކުރުން ލަސްވަނީ ވައިބަރ މެދުވެރިކޮށް ލިބޭ ނަތިޖާ ޝީޓް އެންޓަރކޮށް ނިމެންދެން ކަމަށެވެ.
"ނަތީޖާ ޝީޓް އެންޓަރކޮށް ނިމުމުން ފޮށި ނަގާނީ،" އަކުރަމް ވިދާޅުވި އެވެ.
ހުޅުމާލޭގައި ބެހެއްޓި އެއް ފޮށި ބަންދުކުރުން ވަރަށް ބޮޑަށް ލަސްވެގެން ދިޔައީ އަކުރަމް ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސް އަބްޒާވަރުން ބޭނުންވާ މިންވަރަށް ނުދައްކައި ސެކިއުރިޓީ އުރަ ބަންދުކުރުމުންނެވެ. އެކަން ވެސް ހައްލު ކުރެވިފައި ވާއިރު، ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ މައްސަލައެއް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.
"ނަތީޖާއަށް ބަދަލު އަންނަ ވަރުގެ މައްސަލައެެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރަމުންދާ ނަތީޖާއަކީ އަކުރަމް ވިދާޅުވި ގޮތުގައި ވޯޓް ގުނުމަށް ފަހު މަރުކަޒުތަކުގެ ބޭރުގައި ތަތްކުރާ ޝީޓްގައި ލިޔެފައިވާ ނަތީޖާއެވެ.