ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގައި ވެރިކަން ކުރާނެ ރައީސަކު ހޮވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވޯޓުލާން ފަށައިފިއެވެ.
މި އިންތިހާބުގައި ވޯޓު ލުމަށްޓަކައި ރާއްޖޭގައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައިވާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
މި އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުއެވެ.
މި އިންތިހާބަކީ މިހާރު ބޭނުން ކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބާއްވާ ތިންވަނަ ރިޔާސީ އިންތިހާބެވެ. އަދި މިއީ ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން އިންތިހާބު ނިމިގެންދާނެ އިންތިހާބެއްވެސް މެއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ދާނެއެވެ.
ވޯޓުފޮށި ބަހައްޓާފައިވާ ބޭރުގެ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމްތަކުގައި ވެސް ވޯޓުލާން ހަމަޖެހިފައި ވަނީ ރާއްޖޭގެ ގަޑިން އަށެއް ޖަހާއިރުއެވެ. އިނގިރޭސިވިލާތުގައި ވޯޓުލާން ފެށޭނީ ރާއްޖެ ގަޑިން 1:30 ގައެވެ. އެއީ އިނގިރޭސިވިލާތަށް ހެދުނު 9:30 އެވެ.
ހެދުނު އަށެއް ޖެހިއިރު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށަން ހަމަޖެހިފައި ވީނަމަ ވެސް ސްރީލަންކާ އާއި ގދ. ތިނަދޫގެ އިތުރުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވަނީ ލަސްވެފައެވެ. ސްރީލަންކާގައި ވޯޓުފޮށީގެ ތައްޔާރީތައް ލަސްވީ ވާންޖެހޭ ތައްޔާރީތައް ނުވެވި، ޓެބްލެޓަތަކަށް ދިމާވި މައްސަލައަކާއި ގުޅިންނެވެ. ތިނަދޫގެ ބައެއް ފޮށިތަކުގައި ވޯޓުލުން ލަސްވީ އޮފިޝަލުންގެ ފާހުގައި ގަލަމުން ނަން ޖަހާފައިވުމާއި ފޮޓޯ ނެތް މައްސަލަ ފެންމަތިވުމުގެ އިތުރުން ސެކިއުރިޓީ އުރަ ކެނޑުން ލަސްވުމުންނެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯޓުލުން ނުފެށި ލަސްވެފައި ވަނީ ތަފާތު އެކިއެކި މައްސަލަތައް ދިމާވުމުންނެވެ.