ރިޔާސީ އިންތިޚާބަށް 24 ގަޑިއިރަށް ވުރެ ކުޑަވެފައި ވަނިކޮށް "ލައިވް އިވެންޓްތައް ހުއްޓާލުމަށް ބްރޯޑްކާސްޓަރުންނަށް އެންގުމާ ބެހޭ އުސޫލު" މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބައްދަލުވުމެއް ހޮނިހިރު ދުވަހު ބާއްވައި ފާސްކޮށް، ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފިއެވެ.
މި އުސޫލަކީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 36 ވަނަ މާއްދާ އާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ލައިސަންސް ލިބިފައިވާ ބްރޯޑްކާސްޓަރަކު ލައިވް އިވެންޓެއް ގެނެސްދެމުންދާ ވަގުތު، އެ ބްރޯޑްކާސްޓްކުރެވޭ ކޮންޓެންޓެއް ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން މެދުކަނޑާލުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި އެ ފަދަ މައްސަލަތަކާ ގުޅިގެން ފިޔަވަޅުއެޅުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.
ފާސްކުރި މި އުސޫލުގައި، ބްރޯޑްކާސްޓަރުންގެ ޒިންމާ އާއި، ލައިވް އިވެންޓަކާ ގުޅޭ ޝަކުވާ ހުށަހަޅާނެ ގޮތާއި، މައްސަލަ ބަލާނެ ގޮތާއި، ލައިވް އިވެންޓްގެ މައްސަލަތަކުގައި ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މުޢާމަލާތްކުރާނެ ގޮތާއި އަދި ފިޔަވަޅު އަޅާނެ ގޮތް ބަޔާންކޮށްފައި ވެއެވެ.
ބްރޯޑްކާސްޓަރަކު ފޮނުވާ ލައިވް އިވެންޓަކާ ގުޅިގެން ކޮމިޝަނަށް ހުށަހަޅާ މައްސަލައަކާ ގުޅިގެން ލައިވް ފީޑް މެދު ކަނޑާލުމަށް ކޮމިޝަނުން އަންގާ އެންގުންތައް އެސްއެމްއެސް. އިން ނުވަތަ އީ-މެއިލް މެދުވެރިކޮށް ވެސް އެންގިދާނެއެވެ. އަދި އެ ފަދަ ހާލަތުގައި މުޢާމަލާތު ކުރުމަށް ބްރޯޑްކާސްޓަރު ދީފައިވާ ނަންބަރަށް އެސްއެމްއެސް. އެއްކޮށްގެން ނުވަތަ އީ-މެއިލް އެޑްރެހަށް ފޮނުވޭ މެސެޖެއް އެ ފަރާތަށް ލިބިއްޖެކަން ފޯނުން ނުވަތަ ސިސްޓަމުން ދައްކާ ނަމަ އެ ފަރާތަކަށް އެ މެސެޖެއް ރައްދުވީ ކަމުގައި ބެލެވޭނެއެވެ.
ލައިވް އިވެންޓެއް މެދު ކަނޑާލުމަށް ކޮމިޝަނުން ބްރޯޑްކާސްޓަރަކަށް އަންގާނީ، މި އުސޫލުގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުގެ މަތީން މައްސަލަ ބެލުމަށް ފަހު އެ އިވެންޓެއްގައި މައްސަލަ ހުށަހެޅި ފަރާތުގެ އަބުރާ ބެހެވިއްޖެ ކަމަށް ނުވަތަ ބެހެމުންދާ ކަމަށް ނުވަތަ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަމަތަކާއި ތައާރުޒު ވެދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރި ނުވަތަ ބްރޯޑްކާސްޓް ކުރަމުންދާ ކަމަށް ކޮމިޝަނުން ނިންމައިފި ހާލަތެއްގައެވެ. މި ގޮތުން އަންގާ އެންގުންތަކާ ޚިލާފްވާ ބްރޯޑްކާސްޓަރުންގެ މައްސަލަ ކޮމިޝަނުން ބަލައި އެފަދަ ބްރޯޑްކާސްޓަރުންނާ މެދު ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންވާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.