ތ. ކިނބިދޫ ޒުވާނުންގެ މަރުކަޒުގެ ތަޅުދަނޑި ފުލުހުން ނަގައިފިއެވެ.
ކިނބިދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ނިޔާޒު ރާއްޖެއެމްވީ. އަށް ވިދާޅުވީ މީގެ ކުރިން ވެސް އެމަރުކަޒުގެ ތަޅުދަނޑި ފެނަކައާ ހަވާލުކުރަން ޔޫތު މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ތަޅުދަނޑި ނަގަން އެންގީ ރަށުގެ ރައްޔިތުންގެ ނުރުހުމުގައި ކަމަށެވެ. އެކަމާ ގުޅިގެން މީގެ ދެ ދުވަސް ކުރިން ފުލުހުން ކައުންސިލާ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގައި "ސަރުކާރުން އެދިއްޖެ ހާލަތެއްގައި ކޯޓު އަމުރު ނަގައިގެން ވެސް ތަޅުދަނޑި ހަވާލުކުރަން ޖެހޭނެ ކަމަށް" ފުލުހުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަގީގަތުގައި ޒުވާނުންގެ މަރުކަޒަކީ ކިނބިދޫ ރައްޔިތުން އަމިއްލައަށް އަޅާފައި ހުރި އިމާރާތެއް. މިރަށު ރައްޔިތުންނެއް ބޭނުމެއް ނޫން ފެނަކަޔާ އެ އިމާރާތް ހަވާލުކުރާކަށް،" ނިޔާޒު ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުކުރު ދުވަހުގެރޭ 12:57 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކިނބިދޫ ޒުވާނުންގެ މަރުކަޒުގެ ތަޅުދަނޑި އަތުލާފައި ވަނީ ފެނަކައިގެ އެދުމުގެ މަތިން ކަމަށެވެ.