ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތަށް ނިންމާލާއިފިއެވެ.
އެމްޑީޕީއަށް އަބަދު ވެސް ބޮޑު މެޖޯރިޓީއެއް އޮންނަ އައްޑޫ ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތްތައް ނިންމާލާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ވެހިކަލް ބުރުންނެވެ. ގިނަ އަދަދެއްގެ ސައިކަލް ތަކުގައި އާންމު ރައްޔިތުން ބައިވެރިވި މި ވެހިކަލް ބުރު ފަށާފައި ވަނީ ހިތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. ލިންކް ރޯޑުން މި ވެހިކަލް ބުރު ކުރިއަށް ގޮސް ނިންމާލާފައި ވަނީ ފޭދޫ އެމްޑީޕީގެ އޮފީސް ކުރިމަތީގައި އޮންނަ ހިއްކާފައިވާ ފަސް ގަނޑުންނެވެ.
ވެހިކަލް ބުރު ކުރިއަށް ދިޔަ އިރު، އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ ރައްޔިތުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. ގާތްގަނޑަކަށް 700 އެއްހާ ސައިކަލް މި ވެހިކަލް ބުރުގައި ބައިވެރިވިއިރު، 200 އެއްހާ ކާރު ބައިވެރިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ޕިކަޕުތަކުގައި ބައެއް ރައްޔިތުން ވަނީ ވެހިކަލް ބުރުގައި ބައިވެރިވެފައެވެ. މި ވެހިކަލް ބުރުގެ ޖަޑިބަކަށް ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ތިބި ގޮތް މި ވެހިކަލް ބުރުން ވެސް ސާފުވާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިފައިވާކަން އައްޑޫ ސިޓީގެ ރައްޔިތުން ތިބި ގޮތުން ހާމަވާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް ރީތިކޮށް ފެންނަން އޮންނަ މަންޒަރެއް މިއީ، މިކަން މިއޮތީ ނިމިފަ، މި ހުރިހާ ރައްޔިތުން މި ހުރިހާ ރައްޔިތުން ސެޕްޓެމްބަރ 23 ވަނަ ދުވަހު ނުކުމެ އިބޫ އަށް ވޯޓް އަޅާ ފުރާލާނެ" ސޯބެ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މި އިންތިހާބު އޮޅުވާލަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. ދިވެހި ރާއްޖޭގެ އެއްވެސް ރަށަކުން ވޯޓު އޮޅުވާލުމަށް ފުރުސަތު ނުލިބޭނެ ކަމަށާއި، ފުލުހުންނާއި ސިފައިން އެފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ވެހިކަލް ބުރުގައި ބައިވެރިވި އެންމެން ވަނީ ފޭދޫ ހިއްކި ބިމުގައި ތިބެ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަތުމަށް އަތުގުލާފައެވެ. މި ވެހިކަލް ބުރު ބާއްވާފައި މި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޮޑު ޖަލްސާ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށްފަހުއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ދަތުރުފުޅުތައް ނިންމާލުމުގެ ގޮތުން އިބޫ އާއި ފައިސަލް އައްޑޫ ސިޓީއަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ.