ބްލީޗް ކަމަށް ބެލެވޭ އެއްޗެއް ބޮއިގެން ހިތަދޫ ހޮސްޕިޓަލަށް ހޯމަ ދުވަހުގެ ރޭގައި ގެނެވުނު ކުއްޖާގެ ހާލު ރަގަޅުކަމަށާއި އެހެން ނަމަވެސް ފުއްޕާ މޭގެ ޓެސްޓްތަކެއް ހެދުމަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
މިކަމާ ގުޅޭ ގޮތުން އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އަންހެން ކުއްޖެއް ބްލީޗް ކަމަށް ބެލެވޭ އެއްޗެއް ބޮއިގެން ހޮސްޕިޓަލަށް ގެނެވުނު ކަމަށެވެ. އަދި މިހާރު އެ ކުއްޖާގެ ހާލު ރަގަޅު ކަމަށް އެ ހޮސްޕުޓަލުން ވަނީ ބުނެފަ އެވެ.
އެ ކުއްޖާގެ އެތެރެހައްޓަށް ލިބިފައިވާ ގެއްލުމާއި ފުއްޕާމެއަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކާއި އެންޑޮސްކޯޕީއެއް ހެދުމަށް މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށް ހިތަދޫ ރީޖަރަލް ހޮސްޕިޓަލުން މައުލޫމާތުދެއްވި ފަރާތުން ވަނީ ބުނެފަ އެވެ. އަދި މިއީ މިފަދަ ހާލަތްތަކުގައި އަބަދުވެސް ހޮސްޕިޓަލުން އަމަލުކުރާގޮތް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ އަކީ 24 އަހަރުގެ އަންހެން ކުއްޖެކެވެ. ބައެއް މީޑިޔާ ތަކުގައިވާގޮތުން އެ ކުއްޖާ ބްލީޗް ބޮއިފާ ވަނީ ލޯބިވެރިޔާއާއި މައްސަލަ ޖެހިގެންނެވެ.