ސިވިލް ސަރވިސްގެ ވަޒީފާތަކަށް ވަނުމުގައި ހަދާ އެންޓްރެންސް އެގްޒާމްގައި މިދިއަ ދެ އަހަރުގެ ތެރޭގައި 352 ކުދިން ބައިވެރިވެފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ހާމަކޮށްފި އެވެ.
ސިވިލް ސަރވިސް ކޮމިޝަން ސީއެސްސީން ބުނީ އެކޮމިޝަނުން ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން އިތުރަށް ތައްޔާރުކޮށް ވަޒީފާއަށް މީހުން އަހްލުވެރި ކުރުމަށް ހިންގަންފެށި އިމްތިހާނުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި އިމްތިހާނުގައި 127 ކުދިން ބައިވެރިވި އިރު އެފަހަރު ފާސްވެފައިވަނީ 45 ޕަސެންޓް ފަރާތުން ކަމަށެވެ.
އަދި 2016 ވަނަ އަހަރުގެ މެއި މަހުގައި ބޭއްވި އިމްތިހާނުގައި 44 މީހުން ބައިވެރިވި އިރު ފާސްވެފައިވަނީ އިމްތިހާނުގައި ބައިވެރިވި 59 ޕަސެންޓް ކަމަށް ސީއެސްސީން ބުނެ އެވެ.
މީގެ އިތުރުން މިދިއަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިމްތިހާނުގައި 181 މީހުން އިމްތިހާނު ހަދާފައިވާ އިރު ފާސްވެފައިވަނީ 60 ޕަސެންޓް ކަމަށް އެކޮމިޝަނުން ބުނެ އެވެ.
ސީއެސްސީން ބުނީ ކުރިއަށް އޮތްތަނުގައި އިމްތިހާނުދޭ މަރުކަޒުތައް އިތުރުކޮށް އިމްތިހާނު ތަކުގައި މީހުން ބައިވެރިވެ ފާސްވާ މިންވަރު އިތުރު ކުރުމަށް ކޮމިޝަނުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސިވިލް ސަރވިސްއަށް ވަންނަ މުވައްޒަފުން މިފަދަ އިމްތިހާނެެއް ހެދުމުގެ މައިގަނޑު މަގްސަދަކީ ސިވިލް ސަރވިސް މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ ވަޒީފާއަށް ހުނަރުތައް ލިބިފައިވާ٬ ވަޒީފާއަށް ގާބިލް ފަރާތްތަކެއްތޯ ދެނެގަތުން ކަމަށެވެ.
މި އިމްތިހާނުން ފާސްވާ ފަރާތްތަކަށް ސެޓްފިކެޓެއް ލިބިގެންދާ އިރު މުވައްޒަފުންނަށް ވަޒީފާ ދިނުމުގައި ފަސް ޕޮއިންޓް އެ ސެޓްފިކެޓަށް ލިބިގެންދާނެ ކަމަށެވެ.
ސިވިލް ސަރވިސް އިން މިއަހަރުވެސް އިމްތިހާނު ބޭއްވުމަށް ނިންމާފައިވާ އިރު އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައިވަނީ ޖޫން މަހުގަ އެވެ.