ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 18:32
ރާއްޖޭގެ ކުޅުންތެރިން ފައިނަލްގައި ލަނޑު ޖެހުމަށްފަހު
ރާއްޖޭގެ ކުޅުންތެރިން ފައިނަލްގައި ލަނޑު ޖެހުމަށްފަހު
އިމޭޖަސް.އެމްވީ
ސާފް ސުޒުކީ ކަޕް 2018
ގައުމީ ޓީމު ތަށި ހިފައިގެން ރާއްޖެއަށް، ދިވެހިންނަށް ލިބުނު ބޮޑު ޝަރަފެއް
މިއީ މި މުބާރާތުގެ ތަށި ރާއްޖެއިން ހޯދި ދެވަނަ ފަހަރު
ފައިނަލްގައި ރާއްޖެ މޮޅުވީ 2-1 އިން އިންޑިއާ އަތުން
މި މޮޅާއެކު ގައުމަށް ވަނީ ބޮޑު އުފަލެއް ލިބިފައި

ސާފް ސުޒުކީ ކަޕްގެ ތަށި ހިފައިގެން ރާއްޖޭގެ ގައުމީ ޓީމު ރާއްޖެ އައުމާއެކު މުޅި ރާއްޖޭގެ ރައްޔިތުންނަށް މި ދުވަސްކޮޅު ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ އީދަކަށެވެ. 

އިއްތިހާދު އެއަރވޭސްގެ A380 މަރުކާގެ މަތިންދާބޯޓެއްގައި ގައުމީ ޓީމު ދަތުރުކުރި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގައި ޖައްސާފައިވަނީ މިއަދު ހަވީރު 3:49 ގައެވެ. ގައުމީ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަދި ސަރުކާރުގެ އިސްވެރިންނެވެ. 

މިފަހަރުގެ މުބާރާތަކީ ރާއްޖޭގެ ގައުމީ ޓީމުން ދެކުނު އޭޝިއާ ސަރަހައްދުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން ރާއްޖެއިން ތަށި ހޯދާފައިވަނީ މީގެ 10 އަހަރު ކުރިން ސްރީ ލަންކާގައި ކުޅުނު ފައިނަލްގައި 2-1 އިން އިންޑިއާ ބަލިކޮށްގެންނެވެ. މިފަހަރު ވެސް ރާއްޖެއިން ތަށި ހޯދީ ފައިނަލްގައި އިންޑިއާ ބަލިކުރުމަށްފަހުއެވެ. ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މިފަހަރުގެ މުބާރާތާއި ރާއްޖޭގެ ކުޅުންތެރިން ކުރިމަތިލީ ޓީމަށް ވަރަށް ބޮޑު ބަދަލުތަކާއެކުއެވެ. އެގޮތުން މިފަހަރުގެ މުބާރާތަށް ދިޔަ ސްކޮޑްގައި އެކިއެކި ސަބަބުތަކާއި ގުޅިގެން ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ އަލީ އަޝްފާގު ހިމަނާފައެއް ނުވެއެވެ. ހަމައެހެންމެ އޭނާގެ އިތުރުން މުހައްމަދު އުމައިރު ވެސް ސްކޮޑްގައި ހިމަނާފައެއް ނުވެއެވެ. 

މުބާރާތުގެ ކުރިން ގަތަރުގައި ގައުމީ ޓީމު ކޭމްޕް ކުރިއިރު މުބާރާތަށް ނެގި ރާއްޖޭގެ 23 ކުޅުންތެރިންގެ ސްކޮޑްގެ އެވަރެޖް އުމުރަކީ ވެސް 23 އަހަރެވެ. ރާއްޖޭ ލައްވާލީ އިންޑިއާ އަދި ސްރީ ލަންކާއާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ކުޅެފައިވަނީ ޕާކިސްތާނާއި ބޫޓާން އަދި ނޭޕާލްގެ އިތުރުން މުބާރާތް ބޭއްވި ގައުމު ކަމަށްވާ ބަންގްލަދޭޝްއެވެ. 

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 0-0 އިން ލަންކާއާއި އެއްވަރުވުން ވެގެން ދިޔުމާއެކު ޓީމަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މިއާއެކު ސެމީއަށް ރާއްޖޭ ދިޔުމަށް ކުރަން ޖެހުނު މަސައްކަތް ބޮޑުވެގެން ދިޔައިރު އިންޑިއާ އަތުން މޮޅުވެގެން ނުވަތަ އެއް ލަނޑުގެ ފަރަގަކުން ބަލިވެގެން ސެމީއަށް ދެވުމުގެ ފުރުސަތު އޮތެވެ. އެހެން ނަމަވެސް އިންޑިއާ އަތުން ބަލިވީ 2-0 އިންނެވެ. ޕޮއިންޓާއި ލަނޑުގެ ތަފާތުން ވެސް ރާއްޖެ އާއި ލަންކާ އެއްވަރުވުމާއި ގުޅިގެން ނެގި ގުރު ކާމިޔާބުކޮށް ސެމީއަށް ރާއްޖެ ދަތުރުކުރުމާއެކު ފާޑުކިޔުންތައް އިތުރުވެގެން ދިޔައެވެ. ސާފްގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ލަނޑެއް ނުޖެހި ސެމީއަށް ރާއްޖެ ދަތުރުކުރުމާއި ވިދިގެންނެވެ. ގިނަ ސަޕޯޓަރުން ބޭނުންވި ކުޅުން ދައްކާ ނުލެވުމުންނެވެ. 

އެހެން ނަމަވެސް މުޅި ޓީމުގެ ވެސް އަސްލު ކުޅުން ފެނިގެންދިޔައީ ސެމީ ފައިނަލާއި ހިސާބުންނެވެ. ސެމީއަށް ރާއްޖެ ނުކުތީ ޖެހިޖެހިގެން ދެފަހަރު ނޭޕާލް އަތުން ބަލިވި ހަނދާންތައް ފޮހެލުމަށެވެ. ކުޅުންތެރިން ކަށިން ހިތްވަރު ނެރެގެން ނޭޕާލްއާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ 3-0 އިން މެޗު ކާމިޔާބުކޮށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރުމާއެކު ހުރިހާ ދިވެހިންގެ ވެސް އުއްމީދު އަނެއްކާ ވެސް އައުވެގެންދިޔައެވެ. މިއާއެކު އަނެއްކާ ވެސް "މިއީ އަހަރުމެންގެ ފަހަރު" ގެ އަޑުން މުޅި ގައުމު ގުގުމާލިއެވެ. 

ފައިނަލްގައި ރާއްޖެ ނުކުންނަން ޖެހުނީ އިންޑިއާ އާއި ދެކޮޅަށެވެ. އާބާދީގެ ގޮތުން ރާއްޖެއަށްވުރު އެތައް ގުނަ ބޮޑު ގައުމެކެވެ. ވަސީލަތުގެ ގޮތުން ވެސް ރާއްޖެއަށްވުރެ ހާސް ގުނަ ކުރީގައި އުޅުނު ގައުމެކެވެ. އެހެން ނަމަވެސް ދަނޑަށް ކުޅެން އަރަނީ ކޮންމެ ގައުމަކުން ވެސް 11 ކުޅުންތެރިންނެވެ. އިންޑިއާ ސައިޒުގެ ގޮތުން ކިތަންމެ ބޮޑު ނަމަވެސް ރާއްޖޭގެ ކުޅުންތެރިން ފައިނަލްގައި ކުޅެފައިވަނީ ގައުމީ ޖަރޒީގައި ގައުމީ ރޫހުގައެވެ. 90 މިނެޓު ހަމަވެގެން ދިޔައިރު ކުޑަކުޑަ ރާއްޖެއިން އިންޑިއާ ބަލިކުރީ 2-1 އިންނެވެ. 

މުބާރާތުގެ ތަށި އުފުލާލީ 2008 ވަނަ އަހަރުގެ ތަށި އުފުލާލީ އައްސަދު އަބްދުލް ޣަނީގެ ކޮއްކޮ އަކްރަމްއެވެ. މުބާރާތުގެ ތާރީހު ވެސް ބަދަލުކޮށްލައި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ގޯލު ބެލެހެއްޓި ފައިސަލްއެވެ. 

މުޅި ގައުމު އަނެއްކާ ވެސް އުއްމީދުން ފުރުވާލައި ގައުމީ ރޫހު މުޅި ގައުމުގައި އަނެއްކާ ވެސް އައުވެގެން މިދިޔައީ މި ފެއްސާއި ރަތާހު ހުދު ސަރަހައްދުގެ އެންމެ ބޮޑު މުބާރާތުގައި ތަމްސީލުކޮށްދިން 23 ކުޅުންތެރިންނަށެވެ. ހުރިހާ ޝުކުރެއް ވެސް ހައްގުވަނީ އެ ކުޅުންތެރިންނަށެވެ. ހުރިހާ ތައުރީފެއް ވެސް ހައްގުވަނީ އެ ކުޅުންތެރިންނަށެވެ. ދިވެހި ފުޓްބޯޅައަށް އައު ދިރުމެއް ލިބިގެން މިދިޔައީ މި ކުޅުންތެރިން ދަނޑުމަތީގައި ދެއްކި ހިތްވަރުގެ ސަބަބުންނެވެ. ފުޓްބޯޅައިގެ މުސްތަގުބަލަކީ މި ކުޅުންތެރިންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް