މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ކަމާ ބެހޭ ތަޖުރިބާ ކާރަކު ބުނެފިއެވެ.
ކަމާ ބެހޭ ތަޖުރިބާ ކާރަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ނަލަ ހިޔާ ހޮޓަލާއި، ރަސްފަންނާ ދެމެދު އަޅާފައިވާ ހޮޅީގެ ކޮޅު ގުޅިފައިވާ، މާފަންނު މަދަރުސާ ކައިރީގައި އޮތް ލައިންގެ ކަނެކްޝަން ހަދަމުން ދިޔައިރު، އެ ސަރަހައްދުގެ ފާޚާނާ ލައިން ހަލާކުވެގެން ބޯފެން ލައިނަށް ނަޖިސްފެން ދާތީ އެ ލައިން ބަންދުކޮށްފައިވާ ކަމަށެވެ.

ތަޖުރިބާކާރު ބުނީ އެ ލައިން ހަލާކުވެފައިވާތާ މިހާރު ތިން މަސްވެފައިވާއިރު އެ ލައިން ފްލޭޝްކޮށް ސާފުކޮށްފައިނުވާ ކަމަށެވެ. މިގޮތަށް މި ހޮޅި ފްލޭޝްނުކޮށް ބެހެއްޓުމުގެ ސަބަބުން ހޮޅިތެރޭގައި ފަންގަސް ޖަހާނެ ކަމަށާއި، އެ ފަންގަސް ފިލުވާނެ "ޖޫޓް" ރާއްޖެއަކު ނެތް ކަމަށެވެ. އޭނާ ބުނީ އަދި މިގޮތަށް ހުރެ ނޭގި ފެން ލައިން ދޫކޮށްފި ނަމަ މުޅި މާލެއަށް ނަޖިހުގެ އަސަރު ހުރި ފެން ދޫކުރެވި، އެކަމުގެ ސަބަބުން ބޮޑު ކާރިސާއެއް މާލޭގައި ހިގައިގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އޭނާ ބުނީ ލައިން ސާފުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ހަރުލާފައިވާ ނަޖިސް ފިލުވަން 200 ޓަނުގެ ފެން ބޭނުންވާނެ ކަމަށާއި، އެހާވަރަށް ފެން ބޭނުންކޮށްގެން ހޮޅި ސާފުކޮށްފި ނަމަ މާލެއަށް ބޭނުންވާ ވަރަށް ފެން ނުހުންނާނެ ކަމަށެވެ. އަދި ގިނަ ދުވަސްތަކަކަށް ފެން ލިބުން ދަތިވުން އެކަށީގެންވާ ކަމަށް އޭނާ އަންދާޒާކުރެއެވެ.
މާފަންނު އުތުރު ސަރަހައްދުގެ ފާޚާނާ ލައިން ހަލާކުވެ، ފެން ލައިނަށް ނަޖިސް ފެންދިއުމުގެ ބިރު އޮތް އިރު މާލޭގެ ހޮޅިލައިން އަޕްގްރޭޑް ކުރުމަށް 96 މިލިޔަން ރުފިޔާ ސަރުކާރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. ނަމަވެސް ކަމާ ބެހޭ ތަޖުރިބާކާރުން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއަކީ 20 މިލިޔަން ވެސް ޚަރަދުވާނެ މަޝްރޫއެއް ނޫން ކަމަށެވެ.