ޕީޕީއެމްގެ ރިޔާސީ ކެމްޕޭނަށް ރާއްޖެޓީވީގެ އެހީ ބޭނުންވާ ކަމަށާއި ކެމްޕެއިންއާ ގުޅޭ ކޮންޓެންޓް ދެއްކުމަށް ރާއްޖެ ޓިވީން ކަނޑައަޅާފައިވާ އަގުތައް ހެޔޮކޮށް ދިނުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެދިވަޑައިގެންފިއެވެ.
ޕީޕީއެމުން މ. ސަކީނާ މަންޒިލްގައި ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ނިހާން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ރާއްޖެޓީވީން ވިއްކަން ކަނޑައަޅާފައިވާ އޮންއެއާ ޓައިމްގެ އަގުތައް ބޮޑު ކަމަށެވެ.
ޕީޕީއެމުން ބާއްވާ ޕްރެސް ކޮންފަރެންސްތައް ރާއްޖެޓީވީން ކަވަރު ކޮށްދޭތީ ޝުކުރު އަދާ ކުރައްވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ކަވަރު ކުރުމަށް ރާއްޖެޓީވީގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"ކެމްޕޭންގެ މި ބައިތައް ތިބޭފުޅުންގެ ފަރާތުން ވެސް އެހީތެރިކަމާއި އެއްބާރުލުން ބޭނުން. ގަޑި ގަންނަން އެދުނީމަ އަދިވެސް ވަރަށް ބޮޑު އަގެއް ކިޔައިގެން، 3.2 މިލިއަނަށް ގަޑިއެއްހާއިރު. ދެން ހަމަ ކުޑަކޮށްދެއްވާތޯ، ދަންނަވާލަން،" ނިހާން ވިދާޅުވިއެވެ.
ރިޔާސީ ކެމްޕޭނަށް ރާއްޖެޓީވީން ކަނޑައަޅާފައިވާ އަގުތައް ބޮޑު ކަމަށް ނިހާން ވިދާޅުވިއިރު، ރާއްޖެޓީވީން ވަނީ އެކި ވަގުތުތަކުގައި އޮންއެއާ ޓައިމް ގަނެވޭނެއަގުތައް ކަނޑައަޅާފައެވެ. އެގޮތުން ފަސް ލައްކައިން ފެށިގެން ފަސް މިލިއަނާ ހަމައަށް ގަޑިގަނެވޭނެ އަގުތައް އާންމުކޮށްފައިވާނެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެމްޕޭނަށް ރާއްޖެޓީވީގެ އެހީ ބޭނުންވާ ކަމަށް ނިހާން ވިދާޅުވެފައި ވަނީ ރާއްޖެޓީވީ ބަންދު ކުރަންޖެހޭ ކަމަށް ތަކުރާރުކޮށް އެ ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެފައިވަނިކޮށެވެ. އެގޮތުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރާއްޖެޓީވީ ބަންދު ކުރަން އެކިފަހަރުމަތިން ގޮވާލައްވާފައެވެ.
އޭގެ އިތުރުން ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުންތަކެއް ވަނީ ރާއްޖެޓީވީ އަންދާލައި، ނައްތާލުމަށް ގޮވާލައި އަޑުއުފުލާފައެވެ.
ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގައިދިޔަ ތަފާތު ހާދިސާތައް ކަވަރުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ހައްސަ ތެދު މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީން މިހާތަނަށް ކުރިމަސައްކަތުގައި ސްޓޭޝަނަށާއި ނޫސްވެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެގޮތުން ނޫސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާތަކާއި އިންޒާރުތައް ވަނީ ދީފައެވެ.
މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ރާއްޖެޓީވީން ކުރަމުންދާ މަސައްކަތާ ގުޅިގެން، އަބުރުގެ ގާނޫނެއް ވުޖޫދަށް ގެނެސް އެންމެ ފުރަތަމަ ޖޫރިމަނާ ކުރީ ވެސް ރާއްޖެޓީވީއެވެ. އެ ގާނޫނުގެ ދަށުން ކުރެވޭ އެންމެ ބޮޑު ޖޫރިމަނާ ދައްކަން މުހުލަތު ދިނުމުން، ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ރާއްޖެޓީވީ ވަނީ 3.7 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފައެވެ.