ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫގެ) ވެރިކަމުގައި ފުލުހުންނާއި ސިފައިން ރައްޔިތުންނަށް އަނިޔާ ކުރުމަށް ނުފޮނުވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި އިންތި ވިދާޅުވީ އިބޫގެ ވެރިކަމުގައި ފުލުހުންނާއި ސިފައިންގެ މުއައްސަސާއަކީ ގަދަރުވެރި ތަނެއްގެ ގޮތުގައި ހަދާނެ ކަމަށާއި، ސިޔާސީ ކަންކަމުގައި ތެރެއަށް އެ ދެ މުއައްސަސާ ވައްދައި ބުރަ ނުކުރާނެ ކަމަށެވެ.
އިންތި ވިދާޅުވީ އިބޫގެ ވެރިކަމުގައި ސުލްހަ މަސަލަސްކަމާ އެކު މަގުމަތީގައި ރައްޔިތުން ބާއްވާ ހަރަކާތްތަކަށް ފުލުހުން ފޮނުވައިގެން ހަމަނުޖެހުން ހިންގުވައި ރައްޔިތުންގެ މޫނަށް ޕެޕާރ ސްޕްރޭ ނުޖަހާނެ ކަމަށެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށް ވަޑައިގަންނަވާއިރު ހަތިޔާރު އެޅި ސިފައިން ގޮވައިގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ ރައީސް ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަން ޖެހޭނީ ރައްޔިތުންގެ މޫނަށް ބަޑި ދިއްކޮށްގެން ނޫން ކަމަށެވެ.
އިންތި ވިދާޅުވީ ޒުވާނުން ގަޔަށް ވަޅި ހަރައި މަރަމުންދާއިރު ފުލުހުން އަވަދިނެތި އުޅެނީ ސިޔާސީ ކަންތަކުގައި ކަމަށާއި، ފުލުހުން މިއަދު އުޅެނީ ޕާޓީތަކުގެ އެކްޓިވިސްޓުން ހައްޔަރު ކުރުމުގައި ކަމަށެވެ. މިއީ ދިވެހިން ބޭނުންވާ ގޮތް ނޫން ކަމަށާއި، ދިވެހިންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދުމަށް މިއަދު މިވެރިކަން ބަދަލު ކުރަންޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.
ޒުވާނުން ޒިންމާދާރުވެ، ޓެގްއަޅުވަން ނުޖެހޭ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ވިދާޅުވަމުންދާތީ އެކަމަށް ރައްދުދެއްވައި އިންތި ވިދާޅުވީ ސަލާމަތީ އެންމެ ވަރުގަދަ ޒޯނު ކަމަށްވާ އެމްއެމްއޭ ކުރިމަތިން ޒުވާނުންގެ ގަޔަށް ވަޅި ހެރުމުން ޒުވާނުން ޒިންމާދާރުވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. އެ ޒުވާނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންނަށް ހައްޔަރު ނުކުރެވި އެމީހާ ލަޝްކަރާ އެކު ހައްޔަރުވުމަށް ފުލުހުންގެ މުއައްސަސާއަށް ދިއުމުން މިގައުމުގެ ނާމާންކަން ރައްޔިތުންނަށް އެނގޭ ކަމަށް އިންތި ވިދާޅުވިއެވެ.
"މަރު އެތަނުގައި ހިންގިއިރުގައި ފުލުހުންގެ މުއައްސަސާ ބިޒީވެފައި އޮތީ ނައިފަރުގައި އަޅުގަނޑުމެންގެ އެމްޑީޕީގެ ޖަގަހަ ހިސޯރުކުރުމުގައި. ދެން މިހިންނަވަރު ޖަގަހަ ހިސޯރުކުރުމުގައި. އަދި ޖެހިގެން އޮތް ރަށުގެ ޖަގަހަ ހިސޯރުކުރުމުގައި. އަޅުގަނޑުމެން އެކްޓިވިސްޓުން އެހެން ހިސާބުތަކުން ހައްޔަރުކުރުމުގައި. ފުލުހުން ބިޒީވެފައި. ވަޅި ޖަހާ މީހުން މަރަނީ އެންމެ ސަލަމާތީ ޚިދުމަތްތައް އެންމެ ވަރުގަދަ ކުރެވިފައިވާ ސަރަހައްދުގައި. ކަންހިނގާދާ ގޮތް،" އިންތި ވިދާޅުވިއެވެ.
ގައުމު ބިނާ ކުރާގޮތާ މެދު ރައްޔިތުން ކަންބޮޑުވާ ކަމަށާއި، މިކަމުން ސަލާމަތްވުމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަށް ގެންނަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.