ޓޯޔާޑް ކައިރީގައި ހުރި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓަރަށް ބޮޑެތި ގެލުންތަކެއް ލިބިފައިވާއިރު، ލޭބަރ ކުއާޓަރުގައި ނިދާފައި ތިބި ހަތަރު ބިދޭސީއަކަށް އަނިޔާވެގެން މޯލްޑިވްސް ރެޑްކްރޮސެންޓުގެ އެހީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އިނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެންމެންނަށް ވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިހާދިސާގެ މަޢުލޫމާތު ފަތިހު 03:08 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ ފަތިހު 03:38 ހާއިރުއެވެ.
މިހާދިސާގައި އަލިފާން ރޯވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓޯ ޔާޑާ އިންވެގެން ހުރި ދެ ބުރިއަށް ހަދާފައިވާ ހައުސިންގ މިނިސްޓްރީގެ ލޭބަރ ކުއާޓާގައެވެ. މި އިމާރާތުގައި އަލިފާން ރޯވުމާއި ގުޅިގެން ޕޮލިސް ސަރވިސްގެ ޓޯ ޔާޑަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ތަހުގީގު ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.