ޅ. އަތޮޅުގެ ރައްޔިތުން މިގައުމަށް ވެދުން ކުރީ ޖަވާހިރެއް ކަމަށާއި މިއަދު ރާއްޖެއަށްޓަކައި އެއަތޮޅުގެ ނިންމުން މާ ކުރިން ނިންމާފައިވާކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އުފަން ރަށް ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހަކީ ދިވެހިރާއްޖެ އެބޭފުޅަކަށް ޝަރަފުވެރިވާނެ ބޭފުޅެއް ކަމަށާ އަދި އެފަހުރާ ޝަރަފު ނިންމަވާދެއްވީ މީގެ 25 އަހަރު ކުރިން ހިތްވަރުގަދަ ފާދިއްޕޮޅުގެ ރައްޔިތުން ކަމަށެވެ.
"ތިބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި، ތިބޭފުޅުންގެ ވަކީލެއްގެ ގޮތުގައި މީގެ 25 އަހަރު ކުރިން ތިބޭފުޅުން ވަނީ އަޅުގަނޑުމެންނަށް އެ މެމްބަރު ވެދުންކޮށް ދެއްވާފައި. އިރާދަ ކުރެއްވިއްޔާ އެބޭފުޅަކަށް ދިވެހިރާއްޖެ ޝަރަފުވެރިވާނެ އެ ފަޚުރާއި ޝަރަފު ނިންމަވައިދެއްވީ ތި ހިތްވަރުގަދަ ހިންނަވަރާއި މި ފާދިއްޕޮޅުގެ ރައްޔިތުން. ވަރަށްބޮޑަށް ޝުކުރިއްޔާ." ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ޕާޓީތައް އެކީގައި ކުރަމުންދާ މަސައްކަތުގައި ދޭހަވެގެންދިޔައީ ރާއްޖޭގެ ރައްޔިތުން އިންސާފަށް ކުރަމުންދާ އުއްމީދު ކަމަށެވެ.
ދިވެހިން ވެއްޓިފައިވާ މިއަނދަވަޅުން ސަލާމަތްކޮށް ރާއްޖޭގައި އިންސާފު ގާއިމް ކޮށްދެއްވާނެ ވެރިއަކަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވެގެންދާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން އިބޫ ކާމިޔާބު ކުރައްވާނެކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވައުދުތަކަށް ބައްލަވާލައްވަމުން ޝިފާޒު ވިދާޅުވީ އިބޫގެ ވެރިކަމެއްގައި އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަވެގެންދާނެކަމަށާއި އޭގެ ސަބަބުން ގެސްޓުހައުސް ތަރައްގީވެ ގެސްޓުހައުސްގެ ވިޔަފާރި ފުޅާވެގެންދާނެކަމަށެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މެދުފަންތީގެ ވިޔަފާރިތައް ފުޅާވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދިވެހިން މިއެދޭ ރާއްޖެ ހޯދުމަށް ވިސްނުންތެރިކަމާއެކު ރިޔާސީ އިންތިހާބުގައި އިބޫއަށް ވޯޓު ދެއްވުމަށް ޝިފާޒު ވިދާޅުވިއެވެ.