ރާއްޖޭގެ ޑިމޮކްރސީ އޮތީ "ތޮފަޅާގައި" ތާށިވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހިންނަވަރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ކުޑަކުދިންގެ ވާހަކައެއްކަމަށްވާ "އަބޮއްފުޅާ ދަބޮއްފުޅު" ވާހަކައިން ރާއްޖޭގެ ހާލަތު ޝާހިދު ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ އުއްމީދުގެ ދުވަހެއް ދިވެހި ރައްޔިތުންނަށް އެބަ އަންނަ ކަމަށާއި އެދުވަހަކީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަސްކަމަށެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީއާ ހުރިހާ ކަމެއް އޮތީ އެ ވާހަކައިން ވާ ގޮތަށް ގަހެއްގެ "ތޮފަޅާގައި" ތާށިވެ ފިތި ބާރުވެފައި ކަމަށެވެ.
"ފަސް އަހަރުވަންދެން އެ ތާށި ކޮށްފައި އޮތް ތާށިކުރުން ސަބަބުން ޑިމޮކްރަސީގެ އިންސާނީ ހައްގުގެ ހާލަތު ދެރަވަމުން ނިކަމެތިވަމުން ގޮސް މިއަދު މިވަނީ ވަރަށް ނާޒުކު ފަތްތަރަކާއި ހަމައަށް ގޮސްފައި. އަބޮއްފުޅާއި ދަބޮއްފުޅު ވާހަކަ، އަބޮއްފުޅު ތާށި ވީމާ ދަބޮއްފުޅު އެކި ފަރާތްތަކަށް ދިޔަހެން ދިވެހިރާއްޖޭގެ އިންސާފަށް ލޯބިކުރާ ހުރިހާ ފަރާތްތަކަކުން އާދޭސްކޮށް ރޮމުން އެއްފަރާތުން އަނެއްފަރާތަށް ދަތުރުކުރަމުން ގެންދިޔަ. އާދޭސްކުރަމުން މިކަން ރަނގަޅު ކުރުމަށް އެދެމުން ދިޔަ،" ޝާހިދު ވިދާޅުވިއެވެ.
ގައުމުގެ ޑިމޮކްރަސީ އޮތީ ބަންޑާރަ ބޮޑުގަހުގެ "ތޮފަޅާ"ގައި ތާށިވެފައި ކަމަށާ 23 ސެޕްޓެންބަރަކީ ރައްޔިތުން ނިކުމެ ބަންޑާރަ ބޮޑު ގަސް ކަނޑާލާ، ޑިމޮކްރަސީ މިނިވަންކުރާނެ ދުވަސްކަމަށް ޝާހިދު ވިދާޅުވި އެވެ.