ކޯލިޝަންގެ ވާދަވެރިންނަކީ ވަރަށް ނުރައްކާތެރި އަނިޔާވެރި ބިރުވެރި ބައެއް ކަމަށް އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ މި ފާއިތުވެގެން ދިޔަ ފަސް އަހަރު ތެރޭގައި މި ގައުމުގައި ހިންގި ކަންކަމުން މިއީ އަނިޔާވެރި ސަރުކާރެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ ނުހައްގުން އެތައް ބަޔަކަށް އަނިޔާދީފައިވާ ކަމަށާއި، ރައްޔިތުންގެ ލޯބި ލިބިފައިވާ ހުރިހާ ލީޑަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިއަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް 23 ސެޕްޓެންބަރުގައި ނުކުންނަން ޖެހޭ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިގައުމުގައި އިންސާފު ގާއިމް ކުރުމަށް ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ދަރިންނާއި ދަރިންގެ މުސްތަގުބަލަށްޓަކައި މިއަދު މިވެރިކަން ބަދަލު ނުކޮށްފި ނަމަ މިގައުމު ދިވެހިންނަށް ނުލިބޭނެ ކަމަށެވެ.
"އެވިދާޅުވަނީ ފާޅުގައި ތިމަންނާގެ އަސްލު ސޫރަ ދައްކާލާނަމޭ. އާދެ. އެއްވެސް ހާލެއްގައި އަޅުގަނޑުމެން އެސޫރަ ބަލާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންނަށް ތީރި ސޫރަ އެއް ނޫން ތިއީ މިހާރު ވެސް. އަދި ތިޔަ ވިދާޅުވާ އަސްލު ސޫރަ މާހުތުރުވާނެ." އަލީ ޒާހިރު ވިދާޅުވިއެވެ.
ދީނީ އިލްމުވެރިންނަށް ތަފާތު ގޮތްގޮތަށް ބިރު ދައްކަމުންދާކަން ފާހަގަކުރައްވައި އަލީ ޒާހިރު ވިދާޅުވީ މިސަރުކާރުން އިސްލާމް ދީނަށް ލޯބި ކުރާ އެތައް އަޚުންނާއި އުޚުންތުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ދީނީ ނަސޭހަތާއި ދަރުސްތައް ދިނުމުގެ މަގު ބަންދުކުރަމުންދާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ އިސްލާމް ދީނީ ހިމާޔަތްކޮށް އިސްލާމްދީނުގެ ސަރުކާރެއް ކަމަށް ބާރުލާފައި ގޮވި ނަމަވެސް އެކަން އަމަލުތަކުން ނުފެންނަ ކަމަށެވެ. އެހެންކަމުން މިސަރުކާރަށް ދީނީ ސަރުކާރެއް ނުކިޔޭނެ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.