މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް ވޯޓުލުން ގަޑުބަޑުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުވައިގެން ރައީސް ޔާމީންގެ ދައުރު ދިގުދަންމާލަން އުޅެފާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އިދާރީ ޢަލީ ނިޔާޒް ވިދާޅުވެއްޖެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ އުފަން ރަށް ހިންނަވަރުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި ނިޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން މިހާތަނަށް ކުރި މަސައްކަތުން އެއް ލައްކަ ހަތްދިހަ ހާހަށް ވުރެ ގިނަ ވޯޓު އިބޫއަށް ކަށަވަރުވެފައިވާ ކަމަށާއި ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެކަން ހިސާބުތަކުން ޔަޤީންވެފައިވާ ކަމަށެވެ.
ނިޔާޒް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވޭނީ މިމަހުގެ 23 ވަނަ ދުވަހު ވޯޓު ފޮށިދޮށަށް ގޮސްވޯޓު ލެވިގެން ކަމަށާއި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެކަން ކަށަވަރު ކުރާނެ ކަމަށެވެ.
މިހާތަނަށް އިލެކްޝަނުން ހެދި ހުރިހާ މަކަރެއް ފަޅާއަރުވާލާފައިވާނޭކަން ފާހަގަކުރައްވައި ނިޔާޒް ވިދާޅުވީ ދެން އޮތީ ވޯޓުލާ ދުވަހު ހިންގުމަށް ރާވަމުންދާ ކަންކަން ހުއްޓުވުން ކަމަށެވެ.
ނިޔާޒް ވިދާޅުވީ ވޯޓުލާ ދުވަހު ދެކަމެއް ކުރުމަށް ރާވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއް ކަމަކީ ވޯޓު ފޮށިދޮށުގައި ނުބައި ލިސްޓެއް ބާއްވައިގެން ވޯޓުލާން ދާ މީހުން ރުޅިއަރުވައި ވޯޓުލާ ސަރަހައްދު ގަޑުބަޑުކޮށް ވޯޓުލުން ހުއްޓުވުން ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ވޯޓުލުމުގެ މާހައުލު ނެތް ކަމަށް ބުނެ, ޗުއްޓީގައި އޮތް މަޖިލިސް ހުޅުވައި ރައީސް ޔާމީންގެ ދައުރު ދިގު ދަންމާލަން މަޖިލީހުން ނިންމަފާނެ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ނިޔާޒް ވިދާޅުވީ ވޯޓުފޮށި ދޮށުގައި އިއުލާންކުރާ ނަތީޖާ ނޫން ނަތީޖާއެއް އިލެކްޝަނުގެ މައި އޮފީހުން އިއުލާންކޮށް ރައްޔިތުން ރުޅިއަރުވައިގެން ހަމަނުޖެހުން އުފައްދައި ވޯޓުލުން ގަޑުބަޑުކޮށްލުން ކަމަށެވެ.
ނިޔާޒް ވިދާޅުވީ އެކަންކަން އެހެން ކުރިޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ގުޅިފައިވާ ޕާޓީތަކުން ކުރާނެ ކަމަށެވެ.
ނިޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް މިއަދާ ހަމައަށް ކެމްޕޭނުގައި 50 ދުވަސް ހޭދަކޮށް 1200 ގަޑިއިރު ތެރޭ 130 ފަހަރު ރައްޔިތުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މިހާތަނަށް ގުޅިފައިވާ ޕާޓީތަކުން ނޭރި ވަނީ އެންމެ ދެ ރަށް ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ދެރަށަށް ވެސް އަރާނެ ކަމަށެވެ.
ނިޔާޒް ވިދާޅުވީ ބައްދަލުވި ހުރިހާ ރައްޔިތުން ވެސް އެދެމުންދަނީ އިންސާފް ޤާއިމްކޮށްދިނުމަށް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ތިބީ އެއްވެސް ކަމެއްގައި އިންސާފް ނުލިބޭތީ ވަރަށް ބޮޑަށް ކަންބޮޑުވެފައި ކަމަށެވެ.