ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ވަނީ ފާޑެއްގެ ފޯބިއާއެއް ޖެހިފައި ކަމަށާއި އިބޫއަކީ އިންތިޚާބެއްގައި ވާދަކުރައްވަން ފިޓު ކެންޑިޑޭޓެއްތޯ ބެލުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްވެއްޖެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު (މިއަދު) ޕީޕީއެމް އިން ސަކީނާ މަންޒިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ، ދިވެހިރައްޔިތުންނަށް އޮޅިގެންވެސް ވެރިކަމަށް ގެނެވޭ މީހަކީ (އިބޫ) ބުއްދި ސަލާމަތުން ނެތް މީހަކަށްވެއްޖެ ނަމަ ރައްޔިތުންނަށް އެކަމުގެ ހިތާމައާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"މީހަކު ކޮންޓްރޯލްކޮށްގެން ގެންގުޅުނަސް މީ ތަންކޮޅެއް ފުކެއް ބޮޑުވަރު، އަޅުގަނޑުމެން ކޮންމެހެން ކަންބޮޑުވެގެން އެވާހަކަ ދައްކަނީއެއް ނޫން، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އޮޅިގެން ނުވަތަ އަމަލުކުރެވޭ ގޮތަކުން ގެނެވޭ މީހަކީ ބުއްދި ސަލަމާތުން ނެތް މީހެއް ކަމަށް ވެއްޖެއްޔާ އެއީ އަޅުގަނޑުމެންނަށް ލިބިގެންދާ ބޮޑު ހިތާމައެއް" ނިހާން ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ ގާނޫނު އަސާސީއާ އާންމު އިންތިޚާބުގެ ގާނޫނުގައި ނެތަސް އިބޫގެ ސިއްހީ ހާލުކޮޅު ދެނެގަތުމަށް ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އެކަންކުރަން މާލަސްވެއްޖެ ކަމަށް ނިހާން ވިދާޅުވިއެވެ.
"މިކަމާއި ގުޅުންހުރި ޓެސްޓްތައް ހައްދަވަން އެބަޖޭ، އެރިޕޯޓްތައް ރައްޔިތުންނަށް ދައްކަވަން އެބަޖެހޭ، ނޫސްވެރިން އެބަ ތި ސުވާލު ކުރައްވާ، ކަރުދާސްތައް މަގުމަތީގައި އެބައުޅޭ، އެހެންވީމަ، އެކަން ކަށަވަރު ކުރެއްވުމަށްޓަކައިވެސް، ތަބީއީ ގޮތުންވެސް އެކަހަލަ ކަމެއް އުޅޭތޯ އެބަޖެހޭ ބަލަން" ނިހާން ވިދާޅުވިއެވެ.
އިންތިޚާބުގެ ކެމްޕޭނު ފޯރި ގަދަކަމުން އަންނަ ވަރަށް ސަރުކާރާއި ޕީޕީއެމްއަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އިބޫއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ.