ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި، ކޯލިޝަންގެ ސަރުކާރުގައި މިކަމަށް ހައްލު ހޯދައިދޭނެ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގެ ރަށްރަށަށް އިބޫ ކުރައްވާ ދަތުރުފުޅުގެ ތެރެއިން އދ. މަހިބަދޫއަށް ވަޑައިގަންނަވާ އިބޫ ވިދާޅުވީ މަހިބަދޫ ޒުވާނުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި، ޒުވާނުން ދިރިއުޅުން ބިނާ ކުރާނެ ގެދޮރެއް ނެތް ކަމަށެވެ.
މަހިބަދޫގައި ބިން ނެތުމުގެ ސަބަބުން މިހާރު ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫނުކުރެވޭ މައްސަލަ އަކީ މިހާރު ވެސް ހައްލު ކުރަންޖެހިފައި އޮތް ބޮޑު މައްސަލައެއް ކަމަށް އިބޫ ފާހަގަކުރެއްވިއެވެ. އިބޫ ވިދާޅުވީ ދޫކުރެވިފައި ހުރި ގޯތިތައް ނުހެދި އޮތުމަކީ މުޅިރާއްޖެއަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި، ކޯލިޝަންގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގެދޮރު ހެދުމަށް ލޯނު ދޫނުރާނެ ކަމަށެވެ.
"ބޭނުންވާ ފައިސާ ކުޑަ އިންޓަރެސްޓެއްގައި ދިގު މުއްދަތުގައި ދައްކާ ގޮތަށް ހަމަޖެހިގެންދާނެ. 6 ޕަސެންޓަށްވުރެ ބޮޑުނުވާ އިންޓަރެސްޓެއް ގޮތުގައި މަހަކު 5000 ރުފިޔާ ލޯނު ރިކަވާރ ކުރުމަށް ދައްކާ ގޮތަށް އެނިޒާމް ގާއިމް ކުރެވިގެންދާނެ." އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކޯލިޝަންގެ ސަރުކާރުގައި މަހިބަދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކޮށްދޭނެ ކަމަށެވެ. އެރަށުގެ ކައިރީގައި އޮތް ފަޅު ހިއްކައިގެން ތަރައްގީ ކުރުމަށް ކައުންސިލުން ހުށަހަޅާފައިވާ ކަމަށާއި، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެއީ އެންމެ ރަނގަޅު ގޮތް ކަމުގައިވާ ނަމަ އެކަން ވެސް ކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ މަހިބަދޫގައި ސްކޫލުގައި 12 ކުލާސްރޫމް އަޅައި، އެއްދަންފަޅިއަށް ކިޔަވައިދޭނެ ގޮތަށް ސްކޫލު ބަދަލުކޮށްދޭނެ ކަމަށެވެ. އަދި އެރަށުގެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އެއަތޮޅުގެ ހަންޏާމީދޫއާއި ކުނބުރުދޫއަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވީ ހަންޏާމީދޫގައި ފެނުގެ ނިޒާމް ގާއިމް ކުރެވި، ސިއްހީ މަރުކަޒުގެ ފެންވަރުގެ ރަނގަޅުކޮށް ލެބޯޓަރީއެއް ގާއިމް ކުރާނެ ކަމަށެވެ. އަދި ކުނބުރުދޫގައި ވެސް ފެނާއި ނަރުދަމާގެ ނިޒާމް ވެސް ގާއިމް ކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.