ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންގމޭޓް، ފައިސަލް ނަސީމް، މެލޭޝިޔާއަށް ވަޑައިގެން, ކެމްޕޭން ހަރަކާތްތައް ފައްޓަވައިފި އެވެ.
ފައިސަލާއެކު ކެމްޕޭން ދަތުރުފުޅުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއަރޕާސްގެ ނައިބް އަލީ ޝިޔާމާއި، އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ މުގައްރިރު ހުސެއިން އަމްރާއި ޖުމްހޫރީ ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ފައިސަލް މެލޭޝިޔާއަސް ފެއްޓެވި ކެމްޕޭން ދަތުރުފުޅުގައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ތައުލީމު ހާސިލުކުރާ ދަރިވަރުންނާ ބައްދަލުކުރައްވާ، ހުރި ކަންބޮޑުވުންތައް އަޑުއައްސަވާނެ އެވެ. އަދި މެލޭޝިޔާގެ އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ޖާފަތްގެ ނަމުގައި ޖަލްސާއެއްވެސް ބޭއްވުމަށް ނިންމާފައިވާއިރު، ހާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި މެލޭޝިޔާގައި ބާއްވާ ޖަލްސާގައި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީީސް އައްޝެއިހް އިލިޔާސް ހުސެއިންވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިލިޔާސް މިވަގުތު މެލޭޝިޔާގައި ހުންނެވިއިރު، ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޝެއިހް އިލިޔާސްއަށް ވަނީ އަންގާފައެވެ.

ގުޅިފައިވާ އިއްތިހާދުން ކެމްޕޭން ހަރަކާތްތައް ފަށުމަށްފަހު، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބައްދަލުކޮށް، އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް އަމާޒުހިފައިފައިވާއިރު، ބޭރުގައި ދިވެހިން ދިރިއުޅޭ ޤައުމުތަކަށް ވަޑައިގެން އެ ޤައުމުތަކުގައި އުޅޭ ރައްޔިތުންނާއިވެސް އެ ބޭފުޅުން ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން، އިބްރާހިމް މުހައްމަދު ސޯލިހް، ލަންކާއަށް ވަޑައިގެން، ލަންކާގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރައްވަފައިވާއިރު، ފައިސަލް ނަސީމްގެ މިގެކުރިން ވަނީ އިންޑިއާއަށް ވަޑައިގެން އެ ޤައުމުގައި އުޅޭ ރައްޔިތުންނާއިވެސް ބައްދަލުކުރައްވާފަ އެވެ.