ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އޮތް ފަސް އަހަރުތެރޭ 35،000 އެނދު ޤާއިމްކޮށް، ފަތުރުވެރިކަން ފުޅާކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ވަރުގަދަ އެއް ވިޔަފާރިވެރިޔާ، ވިލާ ގްރޫޕްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހިމްގެ އަމިއްލަފުޅު ރަށް، އދ. މާމިނގިލީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ 35،000 އެނދު ހަމަކުރާނީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތައް ހިމެނޭ ގޮތަށްކަމަށެވެ. އޭގެ ތެރެއިން 17،000 އެނދު ތަރައްޤީކުރާނީ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ ހިމެނޭ ރާއްޖޭގެ އެންމެ ދެކުނުގެ ސަރަހައްދުގައި ކަމަށާއި މެދުރާއްޖެތެރޭގައި، މާލެ ސަރަހައްދު ހިމެނޭ ގޮތަށް އުތުރުގެ ހިސާބުތަކުގައި 18،000 އެނދު ތަރައްޤީކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުގެ ކެޕޭސިޓީ ބޮޑުތަނުން އިތުރުކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް އިބޫ ވިދާޅުވީ އެކަން ކުރައްވާނީ މާކެޓް ފްލަޑް ނުވާނެހެން އަދި އަގުތައް ނުވެއްޓޭނެހެން، ރަނގަޅަށް މާކެޓް ކޮށްގެންކަމަށެވެ.
އިބޫ ވިދާޅުވީ ރާއްޖެ ތަރައްޤީކުރާއިރު އެންމެ އިސްކަމެއް ދޭންޖެހޭ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށެވެ. އެގޮތުން އިޤްތިޞާދުގެ ރޫފަ ރަނގަޅުކޮށް، އަތްމަތި ތަނަވަސްކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ދާއިރާ ތަރައްޤީކޮށް، ވީހާވެސް ގިނަ ބަޔަކަށް އެދާއިރާގެ ފައިދާ ލިބޭ ގޮތް ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީ ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގެސްޓްހައުސް ވިޔަފާރީގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވައުދުވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ޤާއިމްކުރަން ހަމަޖެހިފައިވާ އެސްއެމްއީ ބޭންކާއި އެހެނިހެން ފަންޑުތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރަން ބޭނުންވާ ޒުވާނުންނަށް ފައިސާ ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށެވެ.
ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވާ އެއްކަމަކީ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމެވެ. މީގެ ސަބަބުން މާލެއާއި ދުރު ސަރަހައްދުތަކުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި އެތެރޭގެ އުދުހުންތަކުގައި އައިލެންޑް އޭވިއޭޝަންގެ މޮނޮޕޮލީއެއް އޮތުމުން ވާދަވެރި މާހައުލެއް ނެތި، އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވަމުން އިބޫ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރައްވާނެކަމަށެވެ.
މީގެ އިތުރުން ރިސޯޓު ހަދަން ކުއްޔަށް ދޫކޮށްފައިވާ ގިނަ ރަށްތަކެއް ނުހެދި ހުރިކަން އިބޫ ފާހަގަކުރެއްވިއެވެ. އެފަދަ ރަށްތައް ހެދުމަށްޓަކައި ފައިނޭންސް ލިބޭނެ ގޮތްތަކެއް ހޯދައިދެއްވާނެކަމަށް އިބޫ މީގެ ކުރިން ވިދާޅުވި ވިދާޅުވުން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. އެގޮތުން ޕްރައިވެޓް އިންވެސްޓަރުންނާއި، ބޭރުގެ ފައިނޭންޝަލް މާކެޓްތަކުންނާއި އިސްލާމިކް ފައިނޭންޝަލް މާކެޓް މެދުވެރިކޮށް އެކަމަށް ބޭނުންވާ އެހީ ހޯދައިދެއްވާނެކަމަށް އިބޫ ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މިހާރު މާބޮޑު ޚަރަދެއް ނުކުރާކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެކަމަށް މިހާރު ޚަރަދުކުރަނީ ގާތްގަނޑަކަށް އަހަރަކު 3 މިލިއަން ޑޮލަރުކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި އެއަދަދު 3 ގުނަ އިތުރުކޮށް، ރިސޯޓްތަކުގެ އިތުރުން ގެސްޓްހައުސްތަކާއި، ސަފާރީ ބޯޓުތައްވެސް ޕްރޮމޯޓްކުރައްވާނެކަމަށް އިބޫ ވިދާޅިވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތު ޑައިވަރސިފައިކުރަން ޖެހޭކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ކަލްޗަރަލް ޓޫރިޒަމް، އެޑްވެންޗަރ ޓޫރިޒަމް އަދި މެޑިކަލް ޓޫރިޒަމާއި އިސްލާމިކް ޓޫރިޒަމް ރާއްޖޭގައި ތަޢާރަފްކޮށް ފުޅާކުރަން ޖެހޭކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިއްމު ދައުރެއް އަދާކުރާ ސަފާރީތަކަށް މާބޮޑު އަޅާލުމެއް މީގެ ކުރިން ނެތްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ސަފާރީ ބޯޓުތަކަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށާއި، ސަފާރީތައް ރައްކާތެރިކަމާއިއެކު ބަނދަރުކޮށްގެން ތިބޭނެ ތަނެއް މިހާރު ނެތްކަމަށެވެ. އެހެންކަމުން މާލެ ކައިރީގައި ސަފާރީ މެރީނާއެއް ތަރައްޤީކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަފާރީ ބޯޓުފަހަރު ބަނދަރުކުރާނެ ތަންތަން ތަރައްޤީކުރައްވާނެކަމަށް އިބޫ ވިދާޅުވިއެވެ.
އިތުރުވެގެންދާ އެނދުގެ އަދަދާއިއެކު ސިނާޢަތުގައި 60 ހާހަށްވުރެ ގިނަ ވަޒީފާ އިތުރަށް އުފެދިގެންދާނެކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެވަޒީފާތަކަށް މީހުން ތަމްރީކުރަން ޖެހޭކަމަށާއި، ވަކި ފަންޑެއް ޤާއިމްކޮށްގެން މަދުވެގެން 30 ހާސް މީހުން ފަތުރުވެރިކަމުގެ ދާއިރާއަށް ތަމްރީންކުރެވޭނެކަމަށް އިބޫ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރައްވާނެކަމަށް ވިދާޅުވެ އިބޫ ވިދާޅުވީ އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އުޖޫރުއާއި އިނާޔަތްތައް ލިބެން ޖެހޭ ފްރޭމްވަރކެއް ހަމަޖައްސާނެކަމަށެވެ. އަދި އިންޑަސްޓްރީގައި ދިވެހި މުވައްޒަފުން ގެންގުޅެން ޖެހޭ މިންވަރަށްވުރެ ގިނައިން ދިވެހި މުވައްޒަފުން ގެންގުޅޭ ފަރާތްތަކަށް ޓެކްސްގެ ލުޔެއް ދެވޭނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގަތެވެ. އަދި ސިޔާސަތާއި ނިންމުންތަކުގައި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ހިމަނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އިތުރުކުރެވިގެންދާ އެނދުތަކާއިއެކު އަދި ސިނާޢަތަށް ގެންނަ ތަރައްޤީއާއެކު ދައުލަތުގެ އާމްދަނީ 30 ބިލިއަނަށްވުރެ މައްޗަށް ދާނެކަމަށެވެ.