ވިމެން އެންޑް ޑިމޮކްރަސީގެ 300 އޮބްޒާވަރުން ރިޔާސީ އިންތިޚާބުގެ ކަންކަން ބަލަމުންދާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
ވިމެން އެންޑް ޑިމޮކްރަސީގެ ފަރާތުން ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި އިލެކްޝަން އޮބްޒަވޭޝަން ކޮމެޓީގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކަންކަން ދިރާސާކޮށް ބެލުމަށް 300 އޮބްޒާވަރުންނަށް ތަމްރީންދީފައިވާ ކަމަށާއި، އެމީހުން އިންތިޚާބުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
ޝުނާނާ ވިދާޅުވީ އިންތިޚާބުގެ ކުރިންނާއި، އިންތިޚާބު ހިގަމުންދާއިރު އަދި އިންތިޚާބަށްފަހު ވެސް ދިރާސާތައް ކުރެވި މިރިޔާސީ އިންތިޚާބުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތަށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ.
މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ޝުނާނާ ވިދާޅުވީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
ޝުނާނާ ވިދާޅުވީ އެއް ކެންޑިޑޭޓެއްގެ ބަނާތައް ފުލުހުން މެދުވެރިކޮށް ނަގާއިރު އަނެއްގެ ކެންޑިޑޭޓްގެ ބެނާތައް ހަރުކުރާ ކަމަށެވެ. މިފަދަ މަންޒަރުތައް ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް ޝުނާނާ ވިދާޅުވިއެވެ.
"ކެންޑިޑޭޓަށް ކެމްޕޭން ކުރާ ފަރާތްތައް އެބަ ހަރަކާތްތެރިވޭ އިލެކްޝަން އޮފިޝަލުންގެ ގޮތުގައި. މީގެ ސަބަބުން އަނެއް ކެންޑިޑޭޓަށް އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭނެ،" ޝުނާނާ ވިދާޅުވިއެވެ.
ވިމެން އެންޑް ޑިމޮކްރަސީގެ ރައީސް ޝަފާތު އަހުމަދު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް އެކުލަވާލި ޚާއްސަ ކޮމެޓީގެ އޮބްޒާވަރުންގެ 83 އިންސައްތަ އަކީ އަންހެނުން ކަމަށާއި، 17 އިންސައްތައަކީ ފިރިހެނުން ކަމަށެވެ. އަދި ވިދާޅުވީ 75 އިންސައްތައަކީ 25 އަހަރުން ދަށް ޒުވާނުން ކަމަށެވެ.
ޝަފާތު ވިދާޅުވީ ރިޔާސީ އިންތިޚާބު ކުރިއަށްދާއިރު މާލެ ސަރަހައްދުގައި ބައްހައްޓާފައިވާ ހުރިހާ ވޯޓުފޮއްޓެއްގެ ކަންކަން އޮބްޒާވް ކުރާނެ ކަމަށާއި، އައްޑޫ، ފުވައްމުލަކު، ބ، ހއ، އަދި ހދ އަތޮޅުތަކުގައި ވެސް އޮބްޒާވަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.