ރައީސް އަބްދުﷲ ޔާމީންގެ ކުރިފުޅުމަތީގައި ބޭންދި މޭޒެއްގައި އިން މާ ބޮޑިއަކުން ރީނދޫ މަލެއް ފެނި، ދަތިތަކެއް ކުރިމަތިވެ، އެންމެ ފަހުން މާ އެއްލަވާލައްވައިފިއެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހުޅުމީދޫގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މާ އެއްލަވާލައްވާ ވީޑިއޯ ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުން ރައީސް އަބްދުﷲ ޔާމީން ޕޯޑިއަމަށް ވާހަކަފުޅު ދައްކަވަން އަރައިވަޑައިގަތުމަށް، ތެދުވެވަޑައިގެން މޭޒުމަތީގައި އޮތް ރީނދޫ މަލެއް ދައްކަވައެވެ. ހަފްލާ ޒީނަތްތެރިކުރުމުގެ ގޮތުން މޭޒުމަތީގައި ބާއްވާފައިވާ މާބޮޑި ތެރެއިން، އެ ރީނދޫ މާ ރައީސް ޔާމީން ނަންގަވާތަން ވެސް ވަގުތުން ފޮނުވަމުންދިޔަ އެ ޖަލްސާގެ ވީޑިއޯތަކުން ފެނެއެވެ.
ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމަށް ޕޯޑިއަމަށް އަރައިވަޑައިގަތުމަށް ހިންގަވާފައި ވަޑައިގެންނެވި ވަގުތު އެމަނިކުފާނަށް އިހްތިރާމް ކުރުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެންނެވި ބޭފުޅުންނަށް އިޝާރާތްކޮށް ރައީސް އެ މާ ނެންގެވުމަށްފަހު، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު)އަށް ވެސް ދައްކަވައެވެ. ނަމަވެސް އަބްދުއްރަހީމް އެ މާ މޭޒުމަތިން ނެންގެވުމަށްފަހު، އެއްލަވާލައްވާ ތަން އެ ވީޑިއޯއިން ފެނެއެވެ.
ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް މޭޒުމަތީގައި އޮތް މާބޮޑި ތެރެއިން ރީނދޫ މާލެއް ނެންގެވުމަށްފަހު، އެއްލަވާލައްވާ ވީޑިއޯ އާންމުވުމާ ގުޅިގެން ރައީސް ޔާމީނަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.