ރައީސް ޔާމީން މިއަދު އައްޑޫސިޓީގައި ނިމުން ފާހަގަކޮށްފައިވާ މަޝްރޫއުތަކަކީ މަސައްކަތް ނިމިފައި ނުވާ މަޝްރޫއުތަކެއް ކަމަށް އައްޑޫސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު(ސޯބެ) ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް ރައީސް ޔާމީން މަސައްކަތް ނިމިފައިނުވާ މަޝްރޫއުތައް ނިމިފައިވާ ކަމަށް އިއުލާންކޮށް ނިމުމުގެ ރަސްމިއްޔާތު އައްޑޫސިޓީގައި ބާއްވަމުން އަންނާތީ އެކަމާ ހިތްހަމަނުޖުހެން ފާޅުކުރައްވަމުން ސޯބެ ވިދާޅުވީ ރައީސް ޔާމީން މިއަދު އިފްތިތާހްކޮށް ދެއްވާފައިވާ ނަރުދަމާ ނިޒާމާއި ފެނުގެ ޚިދުމަތަކީ އެއްކޮށް މަސައްކަތް ނިމިފައިވާ މަޝްރޫއުތަކެއް ނޫން ކަމަށެވެ. އެގޮތުން އަދިވެސް އެއްވެސް ގެއަކަށް ނަރުދަމާގެ ޚިދްމަތް ދީފައިނުވާއިރު ހޮޅި ވެސް ވައްދާފައިނުވާ ކަމަށެވެ.
އިތުރަށް ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ ފެނުގެ މަޝްރޫއުގެ ނިމުން ރައީސް ޔާމީން މިއަދު އިފްތިތާހްކޮށްދެއްވާފައި ވާއިރު، ގޭގެއިން ބޭނުންކުރާ ވަރަށް ފެން ދޫނުކުރާ ކަމަށާއި، އެކަމަށް ބޭނުންވާ ގިނަ ކަންތަށްތައް އަދިވެސް ނިމިފައިނުވާ ކަމަށެވެ. ރައީސް ޔާމީން ފެނުގެ ހިދްމަތް އައްޑޫސިޓީގައި ފައްޓަވައި ދެއްވި ކަމަށް ރައްޔިތުންނަށް މަންޒަރު ދައްކަމުން އަންނައިރު، ފެނުގެ ޚިދްމަތް ދިނުމުގެ ގޮތުން ގެނެސްފައިވާ ފެން ޕްލާންޓާއި، ތާނގީއަކީ އެމްޑީޕީގެ ސަރުކާރުގައި އެ ސިޓީއަށް ގެނައި ތަކެތި ކަމަށެވެ.
ގެތަކަށް ފެނުގެ ޚިދްމަތް ދިނުމަށް ބޭނުންވާ އިތުރު އެއްވެސް ސާމާނެއް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ ނުވާތީ، ރައީސް ޔާމީން ނިމިފައިވާ ކަމަށް އިއުލާންކުރެއްވި މަޝްރޫއަކީ ރައްޔިތުންނަށް އޮޅުވާލަން އެ މަނިކުފާނު ކުރެއްވި މަސައްކަތެއް ކަމަށް ސޯބެ ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގައި މިއަދު ނިމުން އިއުލާން ކުރެވުނު މަޝްރޫއުތަކުގެ ތެރެއިން އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ފެއްޓެވި ހަމައެކަނި މަޝްރޫއަކީ ފިޝަރީޒް ކޮމްޕެލްކްސް ކަމަށާއި، އެ ކޮމްޕްލެކްސްގެ މަސައްކަތް ވެސް އެއްކޮށް ނިމިފައި ނުވާ ކަމަށް ސޯބެ ވިދާޅުވިއެވެ. ސޯބެ ވިދާޅުވީ މާދަމާ ވެސް މަސްކިރަން ބޭނުން ވިނަމަވެސް އެ އިންތިޒާމް ފިޝަރީޒް ކޮމްޕްލެކްސްގައި ހަމަޖެހިފައިނުވާ ކަމަށެވެ. ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓު ވެސް ކަރަންޓާއި ނަރުދަމާ ނެތި އެ މަނިކުފާނު މިއަދު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ނިމިފައި ނުވާ މަޝްރޫއުތައް އެ މަނިކުފާނު ރަށްރަށަށް ވަޑައިގެން ނިމުން ފާހަގަކުރައްވަމުން ގެންދަވާތީ ގިނަ ރައްޔިތުން ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.