އައްޑޫ ސިޓީގެ މީދޫ އާއި ހިތަދޫ އާއި ދޭތެރޭ ބްރިޖެއް އަޅުއްވާނެކަމަށް ރައީސް ޔާމީން ވައުދުވެ ވަޑައިގެންފިއެވެ.
އައްޑޫ ސިޓީގެ ހުޅުމީދޫގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ހުޅުދޫ އާއި މީދޫ އާއި ދޭތެރޭ ބްރިޖެއް އަޅާފައިވާ ކުރެހުމެއް އެމަނިކުފާނަށް ކުއްޖަކު ދެއްކި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބްރިޖް އަޅުއްވާނީ މީދޫ އާއި ހިތަދޫ އާ ދޭތެރޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑަށް މިއަދު ވެސް ކުއްޖަކު ސަފުން ދިނީ އޭނަ ކުރަހާލާފައިވާ ގަމާއި ހުޅުދޫއާ ދެތެރޭގައި ބްރިޖެއް އަޅާލަދީފައި. އެކަމަކު ދަންނަވަންތޯ ވާހަކައެއް. ގަމާއި ހުޅުދޫއާ ދެތެރޭގައި ބްރިޖުގެ ވާހަކަ އަޅުގަނޑުމެން މިހާ ލައިޓްކޮށް ނެގިޔަސް އަޅުގަނޑު މި ދަންނަވަނީ ރަނގަޅު ވާހަކައެއް. މީދޫ އާ ހިތަދޫއާ ދޭތެރޭ އަޅުގަނޑު ބްރިޖު އަޅާނަން. އެކަން ކުރަން އަޅުގަނޑަށް ފަސޭހަ." ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދެން އަންނަ ފަސްއަހަރަކަށް ރައްޔިތުން ހޮވައިފި ނަަމަ ސިޓީ ތަކަށް ބަދަލު ގެންނާނެކަމަށެވެ. އައްޑު އަތޮޅަކީ ދެ ބައްރަކަށް އޮންނަ ދެ ރަށްކަމަށާއި ހުޅުމީދޫގެ ރައްޔިތުން ބޭނުންވާ އަސާސީ ހައްގުތައް ހޯދުމަށް ހިތަދޫ ސިޓީއަށް ދާންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. އެހެންކަމުން ހުޅުދޫ މީދޫ ވެސް ސިޓީއަކަށް ވާން ނުޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
"އައްޑޫ އަތޮޅަކީ ދެ ބައްރަކަށް އަތުރާލެވިފައި ރައްޔިތުން ދިރިއުޅޭ ތަނެއް. ހިތަދޫ ބައްރުގައި ސިޓީއަކަށް ވާއިރު އަޅުގަނޑަށް ނުވިސްނޭ ހުޅުދޫ މީދޫގެ ރައްޔިތުން އެ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި ހިތަދޫ ސިޓީއަށް ގޮސް އެތަނުގައި ކައުންސިލުގައި އުޅެންވީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ސިޓީ ހަދާ އުސޫލަށް ބަދަލު ގެންނާނަން." ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ މީދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.