އެމަނިކުފާނުގެ އަސްލު ސޫރަ ފެންނާނީ މިފަހަރު ބާއްވާ ރިޔާސީ އިންތިޚާބަށްފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޕޯޑިއަމްތަކުގައި އަޑުގަދަ ކޮށް ވާހަކަ ދައްކާތީ ރައީސް ޔާމީންގެ އިންސާނީ ސޫރަ ދެއްކުމަށް ބައެއް މީހުން އެދޭ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ އަސްލު ސިފަ މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ފެނިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
" އަޅުގަނޑު ޕޯޑިއަމްތަކުގައި ގަދަފަދަކޮށް ވާހަކަދައްކާތީ ބައެއް މީހުން ބުނޭ ރައީސް ޔާމީންގެ އަސްލު އިންސާނީ ސޫރަ ދައްކަބަލާށޭ. އަޅުގަނޑުގެ އަސްލު އިންސާނީ ސޫރަ އަކީ މިއަދު މީ ހަތަރުލައްކަ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްގީގެ އައްސޭރިއަށް ދަތުރު ކުރާ ރައީސަކީމުއޭ. އަޅުގަނޑުގެ އިންސާނީ ޝުއޫރު އަންނަނީ އަޅުގަނޑުގެ އިންސާނީ ޝުއޫރާ އަޅުގަނޑުގެ ކުލުނާ ނަފްސުގެ ބަލިކަށިކަން މި އަންނަނީ ހަގީގައތުގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ރައްޔިތުންގެ ވަލިއްޔުލް އަމްރެއްގެ ހައިސިއްޔަތުން އެކަންކަން ކޮށް ނިންމާފައި. ފެބްރުއަރީ 1 ގައި ކަންތައްތައް ހިނގާދިޔައީ އެގޮތަށް، އެހެންވީމަ އަޅުގަނޑުގެ އަސްލު ސޫރައެއް އަޅުގަނޑު ކުރާ މަސައްކަތް ކޮށް ރައްޔިތުން އެދިވަޑައިގަންނަވާގޮތަށް އިރާދަ ކުރެއްވިއްޔާ މި 23 ވަނަ ދުވަހު ނަގާ ވޯޓުން އަޅުގަނޑު ކާމިޔާބުކޮށް ނޫނީ އަޅުގަނޑުގެ އަސްލު ސޫރައެއް ރައްޔިތުންނަކަށް ނުފެންނާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.
އެހެންނަމަވެސް އެމަނިކުފާނުގެ އަސްލު ސިފައަކީ "އިންސާނެއް" ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނަކީ ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސެއް ކަމަށާއި އެމަނިކުފާނަށް ވޯޓު ދެއްވަންވީ ރައްޔިތުންގެ އެ އުންމީދުތައް ފުއްދާ ދެއްވާތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.