މިމަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަންނަ ޓީވީ ސްޓޭޝަންތައް ސަސްޕެންޑްކުރާނެ ކަމަށް ބުނެ ބްރޮޑްކާސްޓިން ކޮމިޝަން (އެމްބީސީ) އިން ވަރުގަދަ އިންޒާރެއްދީފިއެވެ.
ބްރޮޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ސޮފްވާން "ރާއްޖެއެމްވީ" އަށް ވިދާޅުވީ، ޤާނޫނާ ހިލާފުވެ، ޖޫރިމަނާ ކުރުމުން އެޖޫރިމަނާ ދައްކާފައި އަނެއްކާ އެފަދަ ކުށްތަކަށް އަރައިގަންނަ ނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.
ސޮފްވާން ވިދާޅުވީ ރިޔާސީ އިންތީޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބްރޮޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ ދަށުން، ބްރޮޑްކާސްޓަރެއްގެ އޮން އެއަރ ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ބްރޯޑްކާސްޓަރަކު އަމަލުކޮށްފި ނަމަ އެކަމެއް ރަނގަޅު ކުރަން އެންގުމާއި އިންޒާރު ދިނުމާއި ޕްރޮގްރާމް ޝެޑިއުލް އިން ވަކި ކަމެއް އުނިކުރަން އެންގުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ކަމަށް ސޮފްވާން ވިދާޅުވިއެވެ.
"ޖޫރިމަނާ ކުރުމުން އެޖޫރިމަނާ ދައްކާފައި އަނެއްކާ އެފަދަ ކުށްތަކަށް އަރައިގަތް ނަމަވެސް އަޅުގަނޑުމެން ފިޔަވަޅު އަޅާނަން، އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޮޑްކާސްޓަރުންގެ ވަގުތު ހާއްސަ ކުރުމުގެ ހަމަތައް ބަޔާން ކުރުމާއި އިދާރީ ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ ދަށުން ކެންޑިޑޭޓުންނަށް ފުރުސަތު ނުދޭ ބްރޮޑްކާސްޓަރުންގެ އޮންއެއަރ ވަކިވަގުތަކަށް ހިފަހައްޓާލުމުގެ ބާރު ކޮމިޝަނަށް ލިބިފައިވޭ," ސޮފްވާން ވިދާޅުވިއެވެ.
ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަންނަ ޓީވީ ސްޓޭޝަންތައް ސަސްޕެންޑް ކުރާނެ ކަމަށާއި އެފަދަ ފިޔަވަޅެއް އެޅުމަށް އެ ކޮމިޝަނުން ފަސް ނުޖެހޭނެ ކަމަށެވެ.
ކޮމިޝަނުގެ ވަރުގަދަ އިންޒާރެއް ބްރޮޑްކާސްޓަރުނަށް އަމާޒްވެފައި މި ވަނީ "ރާއްޖެ ޓީވީ" އިން ޕީޕީއެމް އަށް ވަގުތު ނުދޭ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ޝަކުވާ ކުރައްވާފައި ވަނިކޮށެވެ. އަދި ރައީސް އަބްދުﷲ ޔާމީނުގެ އިންތިހާބީ ހައްގަށް އަރައިގަނެފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީއާ ދެކޮޅަށް ބްރޮޑްކޮމް އާއި ކޯޓަށް ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅުއްވާފައި ވަނިކޮށެވެ.