ހުޅުމާލޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަމާފައި ހުރި ބެނާތައް ކަނޑާލައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ ދަމާފައިވާ ބެނާތައް ކަނޑާ އެއީ ފުރަތަމަ ފަހަރު ނޫންކަމަށާއި ކުރިންވެސް އެކަން ކުރަމުން އަންނަކަމަށެވެ. އަދި ގުޅިފައިވާ ކޯލިޝަންގެ ބެނާތައް ހުޅުމާލެ އިން ނުފެންނަނީ ކަނޑާތީކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ފުރަތަމަ ފަހަރެެއް ނޫން މިކަން ކުރާތާ، އިނގޭތޯ. އެތައް ފަހަރެއް ވެއްޖެ އަޅުގަނޑުމެން ވަރަށް ގިނަ މީހުން ބުނޭ ހުޅުމާލެ އަކުންނެއް އެމްޑީޕީގެ ބެނާއެއް ނޫނީ އިއްތިހާދުގެ ކުލައެއް ނުފެނެއޭ، ކުލައެއް ނުފެންނާނެ ނޫންތޯ މިހެން ހެދީމަކާ. އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވާނެ،" އަލީ ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ފުލުހުންނަށް އެތައް ފަހަރެއްގެ މަތިން އެމައްސަލަ ހުށައެޅިކަމަށާއި، އެހެން ނަމަވެސް ހުޅުމާލޭގައި ކުރާކަމަކަށް އެޗްޑީސީގެ މައްޗަށް ބާރެއް ނުހިންގޭނެކަމަށް ފުލުހުން ބުނާކަމަށް އޭނާ ވިދާޅުވިއެވެ.
" ފުލުހުންވިދާޅުވަނީ ހުޅުމާލޭގައި ކަމެއް ކުރާކަމަށް ވެއްޖިއްޔާ ތިމަންނަމެންނަކަށް އެޗްޑީސީގެ މައްޗަކަށް ބާރެއް ނުހިނގާނޭ. އެހެންވީމަ އެޗްޑީސީގެ އިންސްޕެކްޓަރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނޭ، އެކަންކަން ތިމަންނަމެންނަކަށް ނުހުއްޓުވޭނޭ. އަޅުގަނޑުމެން އޭރުވެސް ދެންނެވިން ހުޅުމާލެ ނުވަތަ ކޮންމެ ތަނެއް ކަމަށްވިއަސް އިންތިޚާބާއި ބެހޭ ގާނޫނާ ޚިލާފަށް އެޗްޑީސީގެ ބަޔަކު ކަމެއް ކުރިކަމުގައި ވިއަސް އަދި އެހެން ބަޔަކު ކުރިކަމުގައި ވިއަސް އެކަން ހުއްޓުވަން ޖެހޭނީ ފުލުހުންނޭ. ފުލުހުން އަމިއްލައަށް އަޅުގަނޑުގެ ކުރިމަތީގައި އިއުތިރާފުވި ތިމަންނަމެންނަކަށް ހުޅުމާލޭގައި ކުރާ ތިމަންނަމެންނަށް އެޗްޑީސީން ހުއްދަ ނުދޭކަމަށްވަންޏާ ނުހުއްޓުވޭނޭ" އަލީ ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ ހަމަހަމަކަމާއެކު ކޮންމެ ބަޔަކަށް ވެސް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެކަމަށެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުޅުމާލޭގައި ދަމާފައިވާ ބެނާތައް ބުދަދުވަހުގެ ރޭ ކަނޑާފައިވާއިރު، ހުޅުމާލޭ ރެހެންދި ސްކޫލުގެ ގިނަ ޓީޗަރުންތަކެއް ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރާކަން ހާމަކޮށް ބައްދަލުކޮށްފައެވެ.