ދީނީ އިލްމުވެރިންގެ 98 ޕަސެންޓު ތާއީދު އޮތީ ރައީސް ޢަބްދުﷲ ޔާމީނަށް ކަމަށް ވިދާޅުވެ ޢިލުމުވެރިންގެ ރުހުމާ ނުލައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އާއްމު ކުރެއްވި ޓްވީޓް ޑިލީޓު ކުރައްވައިފިއެވެ.
ނިހާން ކުރެއްވި ޓްވީޓް ޑިލީޓު ކުރެއްވީ އެ ޕޯސްޓުގައި ފޮޓޯ ޖަހާފައިވާ ބައެއް ދީނީ އިލްމުވެރިން އެކަމާއި ނުރުހުން ފާޅުކޮށް އެމައްސަލަ ހޫނު ވުމުންނެވެ.
ނިހާން ކުރެއްވި ޓްވީޓެއްގައި އެ އިލުމުވެރިންގެ ފޮޓޯއާއެކު 98 އިންސައްތަ އިލުމުވެރިންގެ ތާއީދު ވެސް އޮތީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައިވެއެވެ. ނިހާންގެ އިތުރުން ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުން ވެސް އެ ޕޯސްޓް ޝެއާކޮށްފައިވެއެވެ.
ދީނީ އިލްމުވެރިންގެ ތާއީދު ރައީސް ޔާމީނަށް އޮތް ކަމަށް ދެއްކުމުގެ ގޮތުން ކޮށްފައިވާ ޕޯސްޓުގައި ނައިފަރު ކޯޓުގެ ގާޒީ ޝައިހް މުހައްމަދު މޫސާއާއި މީދޫ ކޯޓުގެ ގާޒީ ޝައިހް މުހައްމަދު ތޮއްޔިބުގެ ފޮޓޯ ވެސް ހިމެނެއެވެ.
މީގެ އިތުރުން ނިހާން އާންމުކުރެއްވި ޕޯސްޓުގައި މިނިސްޓަރުގެ ނާއިބުގެ ފެންވަރުގެ މުދިމުންނާއި، އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ.
އެޕޯސްޓުގައި ސަރުކާރުގެ އެކި ވަޒީފާތައް އަދާ ކުރައްވަމުން ގެންދަވާ ބައެއް ޝައިހުންގެ ފޮޓޯތައް ވެސް ހިމަނާފައިވެއެވެ. އަދި އެފަރާތްތަކާއި ބައްދަލުކޮށް ރައީސް ޔާމީނަށް ތާއީދު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.
މި ލިސްޓުގައި ހިމެނޭ ގިނަ އިލްމުވެރިން ވަނީ އެކަމަކީ އެފަރާތްތަކަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށް ބުނެފައެވެ.
ނިހާންގެ ޕޯސްޓުގައި ހިމެނޭ ޝައިޚަކު އެކަން ކުއްވެރިކޮށް އާންމުކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އެކަމަށް މާފަށް ނޭދޭހާ ހިނދަކު، ގިޔާމަތް ދުވަހުން ﷲގެ ހަޟުރަތުގައި ދައުވާ ކުރައްވާނެ ކަމަށެވެ.