ޅ. ހިންނަވަރަށާއި އދ. މާމިގިލި ހިމެނޭ ގޮތަށް ބައެއް ރަށްތަކަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމަށް ދަތުރުފުޅު ފައްޓަވައިފިއެވެ.
މިއަދު ފެއްޓެވި ދަތުފުޅުގައި އއ. ތިން ރަށަކަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތޮއްޑޫ އާއި ރަސްދޫ އާއި މަތިވެރިއަށް މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު މިއީ އއ. އަތޮޅުގައި ކޯލިޝަނަށް ވަރަށް ބޮޑު ތާއީދެއް އޮންނަ ތިން ރަށެވެ.
ޖުމްހޫރީ ޕާޓީގެ އެންމެ އިސް ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެ ވަޑައިގަންނަވާ މާމިގިއްޔަށް އިބޫ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. އަދި މިރޭ މާމިގިލީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.
މާދަމާ އދ. ގެ އެހެން ބައެއް ރަށްތަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދިގުރަށާއި މަހިބަދޫ އާއި ބޮޑުފުޅަދޫއެވެ. އަދި މާދަމާ މެންދުރު ފަހު އެ މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޅ. އަތޮޅަށް ވަޑައިގަންނަވާނެއެވެ. އަދި އިބޫގެ އުފަން ރަށް، ހިންނަވަރުގައި މާދަމާ ރޭ ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވާ ކާށީދޫ ދާއިރާގައި ހިމެނޭ ކާށިދޫ އާއި ގާފަރަށް އިބޫ ހޮނިހިރު ދުވަހު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އެމަނިކުފާނު ދަތުރުފުޅު ފެއްޓެވިއިރު ނ. އަތޮޅާއި ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައިއެވެ.