ޓެސްޓްތަކެއް ހެދުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް އައިޖީއެމްއެޗަށް ގެނެސްފިއެވެ.
މައުމޫން ހޮސްޕިޓަލަށް ގެނެސްފައި ވަނީ ޑޮކްޓަރުގެ ލަފައަށް ބްލަޑް ޓެސްޓާއި ޔޫރިން ޓެސްޓެއް ހައްދާފައެވެ. މީގެ އިތުރުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމުގެ އެމްއާރްއައިއެއް ވަނީ ނަގާފައެވެ. ފަރުވާ ހޯދުމަށް ފަހު ގާތްގަނޑަކަށް 12 ޖެހި އިރު މާފުށީ ޖަލަށް ވަނީ ބަދަލުކޮށްފައެވެ.
ރައީސް މައުމޫނަށް ކުރިމަތިވެފައި ވަނީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ސިއްހީ މައްސަލައެކެވެ.
މީގެ ކުރިން ވެސް ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާ ގުޅިގެން އެތަށް ފަހަރެއްގެ މަތިން ވަނީ ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައެވެ. ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ބުނެ އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް އެތަށް ފަހަރެއްގެ މަތިން އާއިލާ އިން ވަނީ ކަރެކްޝަނުގައި އެދިފައެވެ.
ރައީސް މައުމޫނަށް ގިނަ ދައުވާތަކެއް އުފުލިފައިވާ އިރު އެމަނިކުފާނު ޝަރީއަތް ނިމެންދެން ޖަލަށްލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އޭގެ އިތުރުން ފޯނު ނުދިން މައްސަލަގައި އަދުލް އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާކޮށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ. ރައީސް މައުމޫނުގެ އިތުރުން ނަދީމު ޖަލުގައި ބަންދުކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ.