ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ށ. އަތޮޅާއި އަދި ނ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު އިބޫ އަންނަނީ އަތޮޅު ތެރޭގެ ގިނަ ރަށްރަށަށް ވަޑައިގަންނަވައި އެ ރަށްރަށުގެ ރައްޔިތުންގެ ހާލު ބައްލަވަމުންނެވެ. އެރަށަކަށް ދިމާވެފައިވާ މައްސަލަތައް ބައްލަވައި، ކޯލިޝަންގެ ވެރިކަމެއްގައި މިރަށްރަށުގެ ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ އާއި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.
ށ. އަދި ނ. އަތޮޅަށް އިބޫ މި ކުރެއްވި ދަތުރުފުޅުގައި އިބޫ ވަނީ ނ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. އަދި ށ. އަތޮޅުގެ ވެސް ގިނަ ރަށްތަކަށް ވަޑައިގަންނަވައި، ރައްޔިތުންނާއި ބަދަލުކޮށް ހާލަތު ވަނީ ބައްލަވާލައްވާފައެވެ. ށ. އަތޮޅުންނާއި ނ. އަތޮޅުގެ ކޮންމެ ރަށަކުން އިބޫއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި މިކެންޕޭންތަކުން ފެންނަ ތާއީދުން އެކަނި މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ކޯލިޝަނުން ވަނީ ދީފައެވެ.
މި ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.
ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގެންނެވި ފަހުން އިބޫ އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވަމުންނެވެ. އިބޫގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވެސް ވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ކެންޕޭންގެ ދަތުުރުފުޅުތައް ކުރައްވަމުންނެވެ.