ރައީސުލްޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީނާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމަށް 66 އިލްމުވެރިން ތާއީދުކުރާ ކަމަށް ބުނެ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކު އާންމުކުރި ޕޯސްޓަކީ އިލްމުވެރިންގެ ހުއްދަ ނުހޯދައި އާންމުކުރި ޕޯސްޓެއް ކަން ފަޅާއަރައިފިއެވެ.
ރައީސް ޔާމީނަށް ތާއީދުކުރާ 66 އިލުމުވެރިން ކަމަށް ބުނެ އެ ބޭފުޅުންގެ ފޮޓޯއާ އެކު ފޭސްބުކްގައި އާންމުކުރި މިޕޯސްޓްގައި ނިހާނު ވިދާޅުވެފައި ވަނީ ދީނީ އިލްމުވެރިންގެ ތެރެއިން 66 އިލްމުވެރިއަކު ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. ޝަހީމާ އެކު ބައިތު ހިއްޕަވައިފި ކަމަށެވެ. އަދި ދިވެހިންގެ ފުރާނައިގެ ކާނާ ކަމުގައިވާ އިސްލާމީ އަގީދާ މިގޮތަށް ބޭއްވޭނީ ހަމައެކަނި ކެންޑިޑޭޓް ނަންބަރު އެކަކަށް ވޯޓުދީގެން ކަމަށް ޕޯސްޓްގައި ވެއެވެ.
ނިހާނުގެ މިޕޯސްޓާ ގުޅިގެން ފޮޓޯ ހިމަނާފައިވާ ގިނަ އިލްމުވެރިންތަކެއް ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައެވެ. އަދި މިޕޯސްޓަކީ ދޮގެއް ކަމަށް ބުނެ ގިނަ އިލްމުވެރިންތަކެއް މިވަނީ މިޕޯސްޓަށް ރައްދުދީފައެވެ.
އެގޮތުން ލިސްޓުގައި ފޮޓޯ ހިމަނާފައިވާ ޝެއިހު އަހުމަދު ނަޒީހު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެ ލިސްޓްގައި ނަން ހިމެނާފައި ވަނީ އެނގުމެއް ނެތި ކަމަށެވެ. އަދި ނިހާނު ޓެގް ކުރައްވައި ނަޒީހު ވަނީ "ކުޅުއްވާ ކުޅިގަނޑަށް ނުވެއްދުމަށް" އެދިވަޑައިގެންފައެވެ.
ޝެއިހް ނިމާލު މުހައްމަދު ވިދާޅުވީ އެބޭފުޅާ ވަކި ފަރާތަކަށް ތާއީދުކުރާކަން އަދި ނުކުރާ ކަން ވެސް ހާމަނުކުރައްވާ ކަމަށެވެ. އަދި ޝެއިހް މުހައްމަދު ޝަމްއޫނު ވެސް ވަނީ "ނިހާންމެން ކުޅޭ ކުޅިގަނޑާ" އެބޭފުޅާ ދުރުގައި ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.
މީގެ އިތުރުން ޝެއިހް އަލީ ޒައިދު ވިދާޅުވީ ޝެއިހުންގެ ފޮޓޯ ޖެހައި ފޭކް ލިސްޓެއް ނެރެގެން ދޮގު ހަދައި އޮޅުވާލަން އުޅުމުން ވެއްޓޭނީ އަމިއްލަ އަގު ކަމަށެވެ. އަޅޮވާލާ މަކަރު ހެދުމަށް މަސައްކަތް ނުކުރުމަށް އިލްތިމާސްކުރައްވައި އަލީ ޒައިދު ވިދާޅުވީ މަކަރު ހެދުމުން ވާނީ ފެއިލް ކަމަށާއި، މަސައްކަތް ކުރެވެނީ އަމިއްލަ ނަފްސަށް އޮޅުވާލަން ކަމަށެވެ.
މިޕޯސްޓުގައި ފޮޓޯ ޖެހި ގިނަ އިލްމުވެރިން އިންކާރުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ޕީޕީއެމްއަށް މިވަނީ އަމާޒުވެފައެވެ.