މާލޭގެ ގެއެއްގައި ނޭޕާލް އަންހެނަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ފެންމަތިވުމުން، އެ އަންހެން މީހާ މަރުވީ ދަންޖެހިގެން ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުއެވެ. އުމުރުން 23 އަހަރުގެ އެ އަންހެން މީހާގެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލުމާތެއް ފުލުހުން ހާމަކޮށްފައި ނެތުމުން، "ރާއްޖެއެމްވީ" ބުދަ ދުވަހުގެ ރޭ ފުލުހުންގެ މީޑިއާ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ އެ އަންހެން މީހާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރި ތެރޭގައި ކަމަށާއި އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ.
ދަންޖެހިގެން މަރުވި ކަމަށް ބުނާ އެ އަންހެން މީހާގެ ނަމަކީ ރަޖުބަންޝި ސަންޖިތާއެވެ.
އޭނާގެ މަރުގެ ތަހުގީގު ފުލުހުން ފެށިތާ 24 ގަޑިއިރު ވީ އިރުވެސް، އިސްވެ ފުލުހުން އެ މަރުގެ މައުލޫމާތު ހާމަ ނުކުރި ސަބަބެއް އެނގިފައެއް ނުވެއެވެ. ދަންޖެހުމުގެ އެފަދަ މައްސަލަތަކުގެ މައުލޫމާތު މީގެ ކުރިން މީޑިއާއަށް ހިއްސާ ކުރަނީ އިސްވެ، ފުލުހުންނެވެ. ނަމަވެސް މި މަރުގެ މައްސަލައިގެ ތަފްސީލު އިސްވެ ފުލުހުން ހާމަ ނުކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން ޖަވާބެއްނުދެއެވެ.
ނޭޕާލް އަންހެން މީހާގެ ހަށިގަނޑު ބާއްވާފައި އޮތް ގަލޮޅު މޯޗަރީއަށް "ރާއްޖެއެމްވީ"ގެ ނޫސްވެރިން ގޮސް، ބެލި ބެލުމުން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑު މޯޗަރީއަށް ލާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު އެކެއް ޖެހިފަހުންނެވެ.
އެ އަންހެން މީހާގެ ހަވާލުވެރިޔާއަށް ގުޅާލުމުން ބުނީ އެ އަންހެން މީހާއަކީ މާލޭގެ ގެއެއްގައި ގެންގުޅޭ އަންހެނެއް ކަމަށާއި އޭނާގެ މަރުވީ ކިހިނެއްތޯ ފުލުހުން ބަލަމުންދާ ކަމަށެވެ. އެ އަންހެން މީހާ މަރުވީ ދަންޖެހިގެންތޯ ސުވާލު ކުރުމުން އޭނާ ޖަވާބެއް ނުދިނެވެ.
އެ އަންހެން މީހާގެ މަރާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންދެއެވެ. ނަމަވެސް ރަސްމީ އިދާރާއަކުން އެ ވާހަކަތަަކަށް ރައްދު ދީފައެއް ނުވެއެވެ.