އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމުގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މުހައްމަދު ނަދީމް ޑޮކްޓަރަށް ދެއްކުން ލަސްވަމުންދާތީ ގާނޫނީ ވަކީލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަދީމްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ ނަދީމްގެ އުނަގަނޑުގައި ރިއްސާތީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެމްއާރްއައި ހެއްދި ކަމަށެވެ. އަދި އޭގެ ފަހުން ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް ކަރެކްޝަނުގެ ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި ނަމަވެސް، މިއަދާ ހަމައަށް ވެސް ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ނަދީމާ ބައްދަލުކުރުމަށް ފޯމް ހުށަހެޅުމުން، ފޯމް ޕްރޮސެސް ކުރުމަށް 8 ހަފްތާ ނެގި ކަމަށެވެ. ކަރެކްޝަނުގެ ޑޮކްޓަރު ދިން ލަފައާ އެއްގޮތަށް ނަދީމް ޑޮކްޓަރަށް ދައްކަން އިތުރު 8 ހަފްތާ ނަގާނެތޯ ޝަމީމް ވަނީ ސުވާލުކުރައްވާފައެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން ނަދީމް ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ.
ނަދީމްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ހިންގަމުންދާއިރު، އޭނާ ބަންދުކޮށްފައި ހުންނަތާ މިހާރު ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ނަދީމްގެ އިތުރުން ރައީސް މައުމޫނާއި، ރައީސް މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ޖަލަށް ލާފައެވެ.