ސަރުކާރުން ވޯޓު އޮޅުވާލުމަށް މަސައްކަތްކުރާނެ ކަމަށާއި، ހަމަނުޖެހުން ހިންގަންވެސް މަސައްކަތްކޮށްފާނެ ކަމަށް ވިދާޅުވެ، އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވެ ތިއްބެވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފި އެވެ.
ށ. ޅައިމަގު ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ވޯޓު އޮޅުވާލުމުގެ ކަންތައްތަކެއް ކޮށްފާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ހަމަނުޖެހުންހިންގަންވެސް އުޅެފާނެ ކަމަށާއި، އަދި އެފަދަ ކަންތައްތައް ވާދަވެރިން ރާވައިފައިވާ ކަމަށް މައުލޫމާތުވެސް ލިބިވަޑައިގެންފައިވާކަމަށް އިބޫ ވިދާޅުވި އެވެ.
"ކުރިމަތިވެދާނެ ކަމަކަށް އަބަދުވެސް ތައްޔާރަށް ތިއްބަވަން ވާނީ. އެނގިވަޑައިގަންނަވާނެ މި ސަރުުކާރުގެ އަމަލުތައް ހުރި ގޮތް. ކަންތައްތަކުގައި ހީނުކުރާހާ ކަންތައްތައް، ޤާނޫނާއި ހިލާފަށް އެބަކުރޭ. ޤާނޫނު އޮތްތަނުގައި ބާއްވާފައި. އެހެންކަމުން އެ ކަންތައްތަކަށް ތައްޔަރުވެގެން އެ ދުވަހަށް ރަނގަޅަށް ތައްޔާރުވެވަޑައިގެން ތިއްބަވަން ވާނީ."
އިބޫ ވިދާޅުވީ ހެނދުނު ހެނދުނާއި ނުކުމެ ވޯޓު ލައްވަންޖެހޭނެ ކަމަށާއި، އަދި މެންދުރުވާން ވާއިރަށް ވޯޓުލާ ނިންމަވާނެ ކަމަށެވެ. އެއަށްފަހު ވޯޓު ފޮށި ރަނގަޅަށް ބަލަހައްޓަންޖެހޭނެކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ވޯޓު ގުނާ ނިމުމާއެކު އެތަނުން ނަތީޖާ އިއުލާންކުރާކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ 23 ސެޕްޓެމްބަރަކީ ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށްވާނެ ދުވަސްކަމަށެވެ. އަދި މުޅި ރާއްޖެ އޮތްގޮތް އެނގިވަޑައިގެންފައިވާކަމަށާއި، ރައްޔިތުންނަށް އުފާވެރި ދުވަސްތަކެއް ހޯއްދަވައިދެއްވާނެކަމަށް އިބޫ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފެނިގެންދަނީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ.