ޕީޕީއެމްގެ ޖަގަހަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި އެމްޑީޕީ އެކްޓިވިސްޓުންގެ ދިފާއުގައި 19 ވަކީލުންގެ ޓީމެއް ބުރާސްފަތި ދުވަހު އެ ރަށަށް ދާން ނިންމައިފި އެވެ.
ދިދަ ދެމުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ޕީޕީއެމްގެ ދިދަތަކަކާއި ޖަގަހައަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ 18 އެކްޓިވިސްޓަކު ކޮލަމާފުށިން ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އެމީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ.
އެ މީހުންގެ ބަންދަށް ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވަނީ ބުރާސްފަތި ދުވަހު އެވެ. އެހެންކަމުން އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ގއ. ވިލިނގިލީ ކޯޓަށް ހާޒިރުކުރާނެ އެވެ.
ހައްޔަރުކުރި ކޮންމެ މީހަކަށް ވަކީލެއް ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެރަށަށް ދާން ނިންމާފައިވަނީ 18 ވަކީލުންގެ ޓީމެކެވެ. އެހެންނަމަވެސް އިތުރު ވަކީލަކު ގުޅިވަޑައިގަތުމުން ވަކީލުންގެ ޓީމުގެ އަދަދު ވަނީ އިތުރުވެފައެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ވަކި ވަކީލެއް އައްޔަންކޮށްފައިވަނީ، އެއް ތުހުމަތެއްގައި ހިމެނޭ ދެ މީހަކަށް، އެއް ވަކީލެއް އައްޔަން ނުކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާތީއެވެ.
ވަކީލުންގެ ޓީމު ގއ. ވިލިނގިއްޔަށް ދާނީ ބުރާސްފަތި ދުވަހުގެ މެންދުރު އެވެ.
ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ:
- މަހުފޫޒް ސައީދު
- އަހުމަދު ނާޒިމް އަބްދުއްސައްތާރު
- އަލީ އަބްދުލް ލަތީފް
- ހުސައިން ޝަމީމް
- ސައްޔާހު ޚަލީލު
- އާދަމް ޒާލިފް
- މޫސާ ސިރާޖު
- އިބްރާހިމް ޝިޔާމް
- މަސްތޫރު ހުސްނީ
- ތޯހާ މުހައްމަދު
- އައިޝަތު ޝީނާ މުހައްމަދު
- ހުސްނުއް ސުއޫދު
- އަބްދުއްސަލާމް އާރިފް
- އަފްސަލް އަބްދުﷲ ޒުހައިރު
- ސަފާ ޝަރީފް
- މުހައްމަދު ފައިސަލް
- އަހުމަދު ތާލިބު
- ނަދީމް އިބްރާހިމް
- ހަސަން ވަހީދު
ކޮލަމާފުށީގައި އެމްޑީޕީއާއި ޕީޕީއެމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން ހައްޔަރުކޮށްފައިވާތީ އެޕާޓީއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.