ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށް އަހަންމިއްޔަތު ކަމެއް ދިނުމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ގޮވާލައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލާ އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި އެޖަމިއްޔާގެ އޭޝިއާ ޕެސިފިކް ޑެސްކްގެ ހެޑް، ޑެނިއެލް ބަސްޓަރޑް ވިދާޅުވީ ނޫސްވެރިންނަށް މިނިވަންކަމާއެކު އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ. ހަމައެހެންމެ މިނިވަންކަމާއެކު އިންތިހާބު ކަވަރު ކުރުމުގެ ފުރުސަތު ނެތްނަމަ އިންތިހާބުގެ ސައްހަކަން ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބަށް ކުރަމުންދާ ކެމްޕެއިންގެ ތެރެއިން ދެ ކެންޑިޑޭޓުންވެސް މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ކުރައްވާނެ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ޑެނިއެލް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން އަބުރުގެ ގާނޫނު އުވާލުމަށާއި ނޫސްވެރިންނަށް ދީފައިވާ ހަމަލާތައް ތަހުގީގުކޮށް އެފަރާތްތަކާއި ދެކޮޅަށް ދައުވާ އުފުލުމަށް ދެ ކެންޑިޑޭޓުންނަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ. ހަމައެހެންމެ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އަދި އަނިޔާވެރި ގޮތަކަށް މަރާލެވުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ވެސް ޑެނިއެލް ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ ނޫސްވެރިންނާއި ދެކޮޅަށް ތަފާތު އެކި ފަހަރު މަތިން އެކި ހަމަލާތައް ދީފައިވާއިރު މިހާތަނަށް މިހަމަލާތަކާއި ގުޅިގެން އެއްވެސް ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. ހަމައެހެންމެ 2016 ވަނަ އަހަރު ފާސްކުރެވިގެންދިޔަ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ބައެއް މީޑިއާތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް ރާއްޖެޓީވީއަށް އަމާޒުކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަން ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފައެވެ. އެގޮތުން ރާއްޖެޓީވީއިން ވަނީ އަބުރުގެ ގާނޫނުގެ ދަށުން ކުރެވުނު ޖޫރިމަނާގެ ގޮތުގައި މިހާތަނަށް ޖުމްލަ 3.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައެވެ.
ރާއްޖޭގެ ނޫސްވެރިކަމާއި ގުޅިގެން ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެޖަމިއްޔާއިން މިއަހަރު އާއްމުކުރި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރޭންކް ކުރެވުނު 180 ގައުމުގެ ތެރެއިން ރާއްޖެއަށް ލިބިފައިވަނީ 120 ވަނައެވެ. ރާއްޖެ ރޭންކް ކުރެވިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ގޯސް ހާލަތެއްގައި އޮތް ގައުމުތަކުގެ ތެރޭގައެވެ.