ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) އަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިންމަނިކު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީނާ ޚިލާފު ވާހަކަތައް ދެއްކެވި އިރު އިބޫ އޭރު ހުންނެވީ ހިމޭނުން ކަމަށެވެ. އަދި އޭރު އެކަންތައްތައް ކުރެއްވީ އަނގައިން ނުބުނެ ހުންނަވައިގެން ކަމަށާއި އޭރު އެގޮތަށް ކަންތައް ކުރެއްވި ކަން މިހާރު ކުރައްވާ ކަންތައްތަކުން ހާމަވާ ކަމަށެވެ.
"އެމްޑީޕީން ކުރި ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވެ އެ މީހުންގެ ކެންޑިޑޭޓް އިބޫ އޭރު ވެސް އޭނަ ހުރޭ. އެކަމަކު އަނގައިން ނުބުނެ ހުރެގެން. ނޮމޮށޭ ގުރާ ބާރަށް ދައިގަންނާނޭ ބުނާ ބީދައިން މަޑުމަޑުން އެ މީހުންގެ ތެރޭގައި ހުރިހާ ނުބައެއް ހަދަން ހުރިކަން މިއަދު މި ސާބިތު ވަނީ. އެއީ އެމްޑީޕީ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރަކަށް ހުރެ މުހައްމަދު ނަޝީދު އަތްކެނޑުމާއި ދީނީ ހުއްޖަތަށް ފާޅުގައި ގޮންޖަހައި މިނޫން ގޮތެއް ހޯދަން ޖެހޭނޭ ބުނި އިރު ވެސް އިބޫ ހަމަހިމޭނުން،" ނިހާނު ވިދާޅުވިއެވެ.
ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ރޫލް އޮފްލޯކަން ފާހަނގަ ކުރައްވައި ނިހާނު ވިދާޅުވީ އިބޫ މިހާރު ޑިމޮކްރަސީ އާއި ދިމިގްރާތީ ވެސް ކިޔުއްވަން އެނިވަޑައިނުގަންނަވަނީ ކަމަށް ވެދާނެ ކަމަށެވެ. އަދި ފަހަރުގައި އެއީ އެމަނިކުފާނު ސްކޫލް ދައުރުއްސުރެ ފެއްޓިގެން ޓެސްޓް ޕޭޕަރުތައް ކޮޕީ ކުރެއްވުމުން ވާ ގޮތެއް ކަމަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.
"ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ރޫލް އޮފް ލޯ. ޑިމޮކްރަސީ ބޭސްއެއް ނުވާނެ ރޫލް އޮފް ލޯ އާ ނުލައެއް. އިބޫއަށް އެނގިވަޑައިނުގަންނަވަނީ ކަންނޭގެ ދިމިގްރާތީ ކިޔުއްވަން ވެސް. މި ދެ ބައިންކުރެ އެއްބައެއް ވެސް. ފަހަރުގައި ވެދާނެ ސްކޫލު ދައުރުއްސުރެ ފެއްޓިގެން ޓެސްޓް ޕޭޕަރުތައް ކޮޕީކުރެއްވި ބޭފުޅެއް ކަމަށް. އަޅުގަނޑުމެން ކުޑަކޮށް ޗެކްކޮށްލަން ވެއްޖެ ޖޭއެސްސީ ޕޭޕަރުތައް މި ލީކުވި ހިސާބުގައި ވެސް އިބޫގެ އަތެއްވޭތޯ ނޫންތޯ ސްކޫލް ދައުރުގައި،" ނިހާނު ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ސައީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ އިސްލާމްދީނުގެ ދިފާއުގައި އެއްވެސް އެއްޗެއް އިނގިރޭސި ބަހުން ވިދާޅުވާކަށް އިބޫއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.
"މުޅި މި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ކުރިމަތީގައި މި މުސްލިމު ދިވެހި ގައުމުގެ އެންމެހާ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު މި ދަންނަވަނީ. އިނގިރޭސި ބަހުން މިނިސްޓަރ މުހައްމަދު ސައީދު އެވިދާޅުވާ ވާހަކަފުޅުތައް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެމްޑީޕީގެ އެއްވެސް ލެޓަރހެޑެއް ބޭނުންކޮށްގެން ވެސް އެމީހުންގެ ރަސްމީ އެއްވެސް ޓްވިޓަރ ހޭންޑެލްއެއް ބޭނުންކޮށްގެން ވެސް ވެރިފައިޑް އެކައުންޓްތައް އެމީހުން އެބަ ގެންގުޅުއްވާ، އެމްޑީޕީ ސެކްރެޓޭރިއެޓް، އެމްޑީޕީ ޔޫތު ވިންގު ވެސް. އަޅެ ކެރިވަޑައިގަންނަވާ ނަމަ ޖައްސަވާލަބައްލަވާ،" ނިހާނު ވިދާޅުވިއެވެ.