ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލުގައި މިއަދުވެސް އެތަކެއް އަނިޔާއެއް ތަހައްމަލު ކުރައްވަނީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުން ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އަދީބުގެ ފަރާތުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދާއި ނާޒިމް މައްޗަށް ހުކުމް ކުރާނެ އަހަރުތަކުގެ އަދަދު ވެސް ފާލުބަލާފައި ރައީސް ޔާމީނަށް އެންގީ ހާމުދުރުން ކަމަށެވެ. އެގޮތުން ހާމުދުރުގެ އިރުޝާދާ އެއްގޮތަށް ރައީސް ޔާމީން ބޭނުން ކުރައްވަނީ އޮނަހިރި އަދުދުތައް ކަމަށާއި "3" ހިމަނައިގެން ކުރާ ކޮންމެ ކަމެއްގައި ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ހާމުދުރުން ދީފައިވާ ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވެއެވެ.
މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ނެރުއްވާފައިވާ ބަޔާނުގައިވާ ގޮތުގައި ކާނަލް ނާޒިމް ޖަލުގައި އަނިޔާތައް ތަހައްމަލު ކުރަމުންދަނީ ސީދާ ރައީސް ޔާމީންގެ އަނިޔާވެރިކަމުންނެވެ. އެގޮތުން ނާޒިމް ފުރޭމްކޮށްފައި ވަނީ ރައީސް ޔާމީނާއި ޖެނެރަލް ޝިޔާމް ރާވައިގެން ކަމަށެވެ. އަދި ކާނަލް ނާޒިމް ފްރޭމް ކުރުމުގައި ބޭނުންކޮށްފައި ވަނީ ސިފައިންގެ ގެލަރީ ހުޅުވައިދެއްވުމަށް އަދީބު ބޭނުން ކުރެއްވި ފިސްތޯލު ކަމަށް އަދީބުގެ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީން ހާމުދުރުން ބޭނުންކުރައްވައިގެން ކުރެއްވި ބައެއް ކަންކަން ހާމަކޮށް އަންގާރަ ދުވަހު ވެސް އަދީބު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ހާމުދުރު ލައްވާ ރައީސް ޔާމީންގެ ދެއަތްތިލަ ބަލާފައިވާ ކަމަށާއި ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނީ އެ މީހުން ދޭ އިރުޝާދުތައް ތަންފީޒުކޮށްގެން ކަމަށް ބުނެ ތަންފީޒު ކުރަންވީ ކަންކަމުގެ ލިސްޓެއް ދީފައިވާ ކަމަށް އަދީބުގެ އެބަޔާނުގައި ވެއެވެ.
އެލިސްޓުގައި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކިނބޫ މަރާލުން ހިމެނޭއިރު، އާރަށުގައި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ކުކުޅު ހާތައް ވެސް މަރާލުމަށް ބުނެފައި ވެއެވެ. އަދި ސަލްޓަން ޕާކު ކައިރީގައި ހުރި ބިނާ ނަގައި، އިސްލާމީ މަރުކަޒުގެ ވަށާފާރު ތަޅާލައި، ކަޅުވަކަރު މިސްކިތް ނަގައި އެތަން ކޮނެ، އެތާގައި ފަންޑިތަ ހަދާފައިވާ ކަމަށް ބުނެ ފަންޑިތަ ބާތިލް ކުރުމަށް އަލިފާން އެންދި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް އަދީބު ކުރައްވަމުން ގެންދަވާއިރު، ރައީސްގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުން ނުވާ ކަމަށެވެ.