ކަފުންކޮށް, ބަނދެފައި އޮތް ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ގދ. ތިނަދޫ ޖެޓީ ސަރަހައްދުން ފެނިއްޖެއެވެ.
ތިނަދޫން ރާއްޖެ އެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ އޭތި ފެނިފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި ފުލުހުން އެ ސަރަހައްދުގައި ޓޭޕް ދަމައިގެން ޗެކްކުރި ކަމަށެވެ.
އޭނާ ބުނީ ކަފުންކޮށް އައްސާފައިވާ އޭތީގެ މެދަށް ރައީސް ޔާމީންގެ ފޮޓޯފުޅެއް ލާފައިވާ ކަމަށާއި އެއީ އެހާ ދުވަސްވީ އެއްޗެއް ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި މިހާރު ފުލުހުން ވަނީ އެ ފެނުނު ސިހުރު ކަމަށް ބެލެވޭ އެތި ގެންގޮސްފައި ކަމަށް ވެސް އޭނާ ބުންޏެވެ.
ސިހުރުކަމަށް ބެލެވޭ އެއްޗެއް ފެނިފައި މި ވަނީ ރައީސް ޔާމީން ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެރަށުން ފުރާވަޑައިގެންނެވި ފަހުންނެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ގދ. ތިނަދޫން ސިހުރު ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން އެކަމުގެ ތަހުގީގް ކުރަމުންދާ ކަމަށެވެ.