ރައީސް ޔާމީން ކުރައްވާފައިވާ ކުށްތަކަށް އިންސާފުވެރި ޝަރީއަތެއް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރެއްގައި ހިންގަވާނެ ކަމަށް އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ އަލްއުސްތާޛް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ށ. ފޯކައިދޫގައި އަންގާރަ ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ހުސެއިން ވިދާޅުވީ އެމަނިކުފާނު ކުރައްވާފައިވާ ގިނަ ކުށްތަކަށް އަމިއްލައަށް އިއުތިރާފް ވެވަޑައިގަންނަވަމުން އެބަގެންދަވާ ކަމަށެވެ.
ހިސާން ވިދާޅުވީ އެ މަނިކުފާނު ކުރައްވާފައިވާ ކުށްތަކުގެ ޝަރީއަތް ހިންގުމަށް އެންމެ ބޮޑަށް ބޭނުންވަނީ އަމިއްލައަށް އެކަމަށް އިއުތިރާފްވުން ކަމަށާއި، އެކަން މިހާރު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރައްޔިތުންނަށް ވައްކަމާއި ކޮރަޕްޝަން އޯކޭ އެއް ނޫން ކަމަށާއި، އެމީހުން މިއަދު ބޭނުންވަނީ އެމީހުންގެ ހައްގުތައް ހޯދައިދޭނެ ވެރިއެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެކަން ރައްޔިތުންނަށް ކޮށްދެއްވާނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި، އެ މަނިކުފާނަށް ރައްޔިތުންގެ އުދާސްތައް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ދިވެހި ރައްޔިތުންނަށް ސިހުރު ހާހޫރު އޯކޭ އެއް ނޫން ކަމަށާއި، ނުހައްގުން މީހުން ޖަލަށް ލާންވެސް އޯކޭ ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ގިނަ ވައުދުތަށް ނުފުއްދި ހުރިތަން މި ފެންނަނީ ރަށްރަށަށް އައީމަ. ރައްޔިތުންގެ އުދާސްތަށް އިނގޭ. އެހެންވީމަ ފެނާއި، ނަރުދަމާ ދެއްވާނެ ކަމަށް އަޅުގަނޑުމެންގެ ކެންޑިޑޭޓް އެ ވިދާޅުވަނީ. ފެނާއި ނަރުދަމާ އަކީ އަސާސީ ހައްގެއް. އެއީ ހެޔޮ ކަމުން ކޮށްދޭން ޖެހޭ ކަމެއް ނޫން. އެއީ ރައްޔިތުންނަށް ލިބެންޖެހޭ އެއްޗެއް،" ހިސާން ވިދާޅުވިއެވެ.