މާރާމާރީ އާއި ވައްކަން އާންމުވެ، ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް 10 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާއި އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލަތަކުގެ އަދަދު 1121 އަރައެވެ. އޭގެ ތެރޭގައި ވައްކަމުން 293 މައްސަލަ އާއި މާރާމާރީ 75 މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ މިންވަރަށް ބަލާއިރު، އޮގަސްޓު މަހުގެ ވައްކަން އިތުރުވެފައި ވަނީ ޖުލައި މަހާ އަޅާ ބަލާއިރު، ފަސް ޕަސެންޓަށެވެ. މިއަހަރުގެ ޖުލައި މަހު ފުލުހުން ތަހުގީގު ކުރަން ފެށި ވައްކަމުގެ މައްސަލަތަކުގެ އަދަދު 277އަށް އަރައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މާރާމާރީތައް މިދިޔަ މަހު ވަނީ 28 ޕަސެންޓަށް އިތުރުވެފައިވެއެވެ. މިދިޔަ އޮގަސްޓްމަހު މާރާމާރީގެ 75 މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، ޖުލައި މަހު ބަލަން ފެށި މާރާމާރީގެ މައްސަލަތައް 54އަށް އަރައެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ވެސް މިދިޔަ މަހު ވަނީ 34 ޕަސެންޓަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނި ވެސް ފުލުހުން ބަލަން ފެށި މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދު 246އަށް އަރައެވެ. އޭގެ ކުރީ މަހު، ޖުލައި މަހު ފުލުހުން ތަހުގީގު ކުރި މަސްތުވާތަކެތީގެ މައްސަލަތަކުގެ އަދަދަކީ 163 އެވެ.
މިދިޔަ މަހުގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅުނު ހިޔާނާތުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ލޫޓުވުމާއި ގެވެށި އަނިޔާތަކުގެ މައްސަލަތަކާއެކު ފުލުހުން ތަހުގީގު ކުރަން ފެށި މައްސަލަތަކުގެ އަދަދު 8000 ވުރެ ގިނައެވެ.
މާރާމާރީ އާއި ވައްކަން އާންމުވެފައި ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް، ސަރުކާރުން ވަނީ 295 ގައިދީއަކު މިނިވަންކޮށްފައެވެ. އެ ގައިދީން މިނިވަންކޮށްފައި ވަނިކޮށް، މާލޭގައި ފޭރުމާއި ވައްކަމާއި މާރާމާރީތައް އިތުރުވެ، މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު ވަނީ މަރާލާފައެވެ.