ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މަރާލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެމައްސަލާގައި ޑިފެންސް މިނިސްޓަރަށް ޖަވާބު ދެއްވަން ކެރިވަޑައިނުގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ މާރާލުމަށްފަހު ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިލަފަޅުގެ މިސްކިތް ކައިރީގައި ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެ ނެރުއްވާފައިވާ ބަޔާނާ ގުޅިގެން މަހުލޫފް ވިދާޅުވީ ކިނބޫ މަރާލުމުގެ އޮޕަރޭޝަން ހިންގީ އެމްއެންޑީއެފްގެ ސްޕެޝަލް ފޯސް ލައްވާ ބޯކޮށް ވާރޭ ވެހެމުން ދަނިކޮށް ކަމަށެވެ.
މީގެ އިތުރުން މަހުލޫފް ވިދާޅުވީ ކިނބޫ ބޮލަށް ބަޑިޖެހި މީހާ އެވާހަކަތައް ކިޔާދޭން މިހާރު ބާކީ އޮތީ 12 ދުވަސް ކަމަށެވެ. މަހުލޫފް އެ އިޝާރާތް ކުރައްވަނީ ރިޔާސީ އިންތިހާބުގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މިފަދަ ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމުގެ އިޝާރާތެކެވެ.
Kinboo ge massala alhugandu Majlis ah hushaelhin, suvaalah javaabudhevva vazeerah kerivadainugennevi.
— Ahmed Mahloof (@AhmedMahloof) September 11, 2018
Kinboo ge operation hingee MNDF special force lavvaa boavaareyga.
Kinboo bolah badi jehi kujjaa, General Shiyam ge sihuru order thakuge haheegaiy kiyaadheyn baakee 12 dhuvas. https://t.co/Mn9ddZGNxZ
ރައީސް ޔާމީން ހާމުދުރުން (ފަންޑިތަވެރިން) ބުނެގެން ކޮށްފައިވާ ކަންކަން ކިޔައިދީ އަދީބު އަންގާރަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި ކިނބުލަށް ޒަހަރު ދީގެންވެސް ކިނބޫ މަރުނުވުމުން، ބަނދެގެން ގެންގޮސް ސިފައިން ލައްވާ ބަޑިޖަހާ މަރާލާ ވަޅުލާފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައިވާ އުތުރު ތިޅަފަޅުގެ މިސްކިތް ކައިރީގައި ކަމަށެވެ.
ޖަލުގައި އޮންނެވި އަދީބު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރޭގައި ފަންޑިތަވެރިކަމާއި ޚުރާފާތާ ގުޅުން ހުރި ކަންތައްތަކެއް ހިންގެވި ކަމަށާއި އެފަދަ ބައެއް މީހުން ލައްވާ ކަންތައްތަކެއް ކުރެއްވި ކަމުގެ ތުހުމަތު އަދީބު ވަނީ ކުރައްވާފައެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ހާމުދުރު ލައްވާ ރައީސް ޔާމީންގެ ދެއަތްތިލަ ބަލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނީ އެ މީހުން ދޭ އިރުޝާދުތައް ތަންފީޒުކޮށްގެންކަމަށް ބުނެ ތަންފީޒު ކުރަންވީކަންކަމުގެ ލިސްޓެއް ދީފައިވާކަމަށް އަދީބު ގެ ބަޔާނުގައި ބުނެއެވެ.
އެލިސްޓުގައި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ވަރަށް ގިނަ ކަންކަން ހިމެނެ އެވެ. އޭގެ ތެރޭގައި ކިނބޫ މަރާލުން ހިމެނޭއިރު، އާރަށުގައި އެތައް އަހަރެއް ވަންދެން އުޅެމުން ދިޔަ ކުކުޅު ހާތައް ވެސް މަރާލުމަށް ބުނެފައިވެއެވެ. އަދި ސަލްޓަން ޕާކު ކައިރީގައި ހުރި ބިނާ ނަގާ، އިސްލާމީ މަރުކަޒުގެ ވަށާފާރު ތަޅާލާ، ކަޅުވަކަރު މިސްކިތް ނަގާ އެތަން ކޮނެ، އެތާގައި ފަންޑިތަ ހަދާފައިވާ ކަމަށްބުނެ ފަންޑިތަ ބާތިލް ކުރުމަށް އަލިފާން އެންދި ކަމަށް ވެސް އަދީބުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.