ކ. މާލެ
|
11 ސެޕްޓެންބަރ 2018 | އަންގާރަ 12:45
އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލަރރަންގެ ތެރެއިން
އުރީދޫ އިން މިދިޔަ އަހަރު ބޭއްވި ކަލަރރަންގެ ތެރެއިން
އުރީދޫ
އޫރީދޫ ކަލަރރަން
އޫރީދޫ ކަލަރ ރަން ނޮވެމްބަރު މަހު ބާއްވަނީ!
ކަލަރރަން އޮންނާނީ ނޮވެމްބަރ 23 ގައި
ރަޖިސްޓްރޭޝަންނަށް މި މަހުގެ ފަހު ކޮޅުގައި ހުޅުވާލާނެ

އުރީދޫގެ މަޤްބޫލު ކަލަރ ރަން އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ ކަލަރރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާ ހުރި އަދި މަޖާ ހަރަކާތެއް ކަން އަންގައިދިނުން ކަމަށާއި ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެވޭ ފަދަ މަޖާ އިވެންޓެއް ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަ ގަދަ ގޮތެއްގައި އެކަން ފާހަގަކުރެއެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ ހުނަރުވެރި މިޔުޒިކީ ފަންނާނުންގެ މިއުޒިކްގެ އަޑުއިވިގެންދާނެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި ނުވަތަ ޖޮގްކޮށްފައި، ދުވެފައި އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށް ވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެއެވެ.

އުރީދޫ ކަލަރ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ އިނާމުތައް ހޮވިގެންދާނެއެވެ.

"އުރީދޫ ކަލަރރަން ފެށިގެންދިޔައީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ދުވުމަކީ ވަރަށް ފައިދާ ހުރި އަދި އެހާމެ އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއި އެކު. މިދިޔަ އަހަރުގެ ކުލަގަދަ އަދި އެހާމެ އުފާވެރިކަމުން ފުރިފައިވާ ކަލަރރަން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބޭފުޅުން ބައިވެރިވި ދުވުމަށްވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، މިއަހަރުގެ ކަލަރރަން އަކީ ކުރިއަށްވުރެވެސް ފޯރިގަދަ، އަދި ތަފާތު ދުވުމަކަށް ހެދުމަށް," އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ ކަލަރ ރަންގެ ރަޖިސްޓްރޭޝަން ފެށޭނީ މި ސެޕްޓެމްބަރ މަހުގެ ފަހުކޮޅެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދައިން އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެ ފަރާތަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން މައުލޫމާތުދެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ފަރާތްތައް، އަދި އާއިލާ އާއި ރައްޓެހިންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ފަރާތްތަކަށް ވެސް، އުރީދޫ ކަލަރ ރަންގައި ބައިވެރިވުމަށް، އުރީދޫ އިން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް