ސިނަމާލެ ބްރިޖް ހުރަސްކޮށް މާލެ-ހުޅުލެ އަދި މާލެ-ހުޅުމާލެއަށް ކުރާ ޓެކްސީ ދަތުރަކުން ނެގޭނެ އެންމެ މަތީ އަގު ޓްރާންސްޕޯޓް އޮތޯރިޓީއިން ހޯމަ ދުވަހު އާންމު ކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއިން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެއަށް، އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ކުރާ ޓެކްސީ ދަތުރުތަކުން އެންމެ ބޮޑު އަގުގެ ގޮތުގައި ނެގޭނީ، 35 ރުފިޔާ އެވެ. އަދި ހުޅުމާލެއިން މާލެއަށް ކުރާ ޓެކްސީ ދަތުރުތަކުން ނެގޭނީ 40 ރުފިޔާ ކަމަށް ވެސް އެއިއުލާނުގައި އެވެ.
މިގޮތަށް ހަމަޖެއްސިއިރު މިހާރު ޓެކްސީތަކުން ހުޅުމާލެއަށް ދަތުރު ކުރަނީ، 150-200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުގައި ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ކުރާ ދަތުރުތަކުން ދަތުރުފީގެ އިތުރަށް އިތުރު ފަސް ރުފިޔާ ނެގޭނެ އެވެ. އަދި ޑިކީއަށް އެއްޗެހި ލާ ނަމަ، ދަތުރުފީގެ އިތުރަށް ފަސް ރުފިޔާ ނެގޭނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީއިން ހަމަޖެއްސި އެވެ. އެ އަދަދުތަކަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނެގުމަކީ މަނާކަމެއް ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
ޓްރާސްޕޯޓް އޮތޯރިޓީއިން އާންމުކުރި އަގު ލިސްޓްގައިވާ ގޮތުގައި، ސައިކަލް ޓެކްސީތަކަށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދަތުރެއް ކުރެވޭނީ 20 ރުފިޔާއަށެވެ.