ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ނ. ވެލިދޫ އަށް ކަނޑައެޅިފައިވާ ސިޔާސަތުގައި އެރަށަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިމެނިފައި ކަމަށާއި އެކަންކަން ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިޚް (އިބޫ) ވައުދުވެ ވަޑައިގެންފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ށ. އަދި ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުގައި ހޯމަ ދުވަހުގެ ރޭ ނ. ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ ވެލިދޫގެ ރައްޔިތުން ދެކެމުން އަންނަ އެއަރޕޯޓްގެ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.
ޓޫރިޒަމްގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން، ނ. އަތޮޅަކީ ވަރަށް ގިނަ ފަޅު ރަށްތަކެއް ކުއްޔަށް ދޫކޮށްފައިވާ އަތޮޅެއް ކަމަށާއި ނަމަވެސް ގިނަ ރަށްތައް ހެދި އޮޕަރޭޓް ކުރަން ފެށިފައި ނުވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އިބޫ ވިދާޅުވީ އެންމެ ބޮޑަށް ޓޫރިޒަމް ފެތުރިގެންދާ އެއް ދާއިރާއަކީ ވެލިދޫ ދާއިރާ ކަމަށާއި ވަރަށް އަވަހަށް ރިސޯޓްތަކުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރުގެ ވެރިކަމުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ވެލިދޫއާ އެންމެ ކައިރީގައި އޮތް ދެރަށް ކަމަށްވާ ރާފުށި އަދި ދިއްދޫ ރިސޯޓަށް ހެދުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.
"މިރަށާއި އެންމެ ކައިރީގައި އޮތް ދިއްދޫ އާއި ރާފުށި ވެސް އޮތީ ހަމަ އެގޮތުގައި އެތައް އަހަރެއްފައި. އަޅުގަނޑުމެން އެ ދެރަށް ރިސޯޓަކަށް ހެދުމަށް މަސައްކަތް ކުރާނަން" އިބޫ ވިދާޅުވިއެވެ.
މީގެ އިތުރުން ގެސްޓް ހައުސްގެ ސިޔާސަތު އެއީ އަނެއް ތަސައްވަރު ކަމަށާއި ގެސްޓް ހައުސް ހުޅުވުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލުއި ލޯނު ރަށްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވައުދުވެ ވަޑައިގެންނެވިއެވެ.
ވެލިދޫ އަކީ ވަރަށް ގިނަ އާމްދަނީ ވަންނަ އަދި މަސައްކަތްތެރި ބައެއް އުޅޭ ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެ ފަދަ ރަށެއްގައި ބޭންކިންގެ ޚިދުމަތް ފުރިހަމައަށް ލިބެން ޖެހޭނެ ކަމަށެވެ.
ވެލިދޫގައި މިހާރު ހުރި އޭޓީއެމް މެޝިންގެ ބަދަލުގައި ރަނގަޅު ފެންވަރުގެ ބޭކިން ފެސިލިޓީ ކޯލިޝަން ސަރުކާރެއްގައި ގާއިމް ކުރެވިގެން ދާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންނެވިއެވެ.
ވެލިދޫގައި ހުންނަ ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ސިއްޚީ ޚިދުމަތް ދެވޭ ހޮސްޕިޓަލަކަށް އެ ހެދިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ތައުލީމީ ނިޒާމަށް އަލިއަޅުއްވާލައްވަމުން އިބޫ ވިދާޅުވީ ތައުލީމީ ނިޒާމް ބައްޓަން ކުރެވިގެންދާއިރު ރަށްރަށުގައި ތިބެގެން މަތީ ތައުލީމް ހާސިލް ކުރެވެން ޖެހޭނެ ކަމަށާއި ކޯލިޝަން ސަރުކާރުގައި ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ހުޅުވިގެން ދާނެ ކަމަށެވެ.
ވެލިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އެރަށުގައި ފްލެޓް އެޅިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ވެލިދޫގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދި ޒުވާނުންނަށް ރަނގަޅަށް ފުޓްބޯޅަ ކުޅެވޭނެ ދަނޑަކަށް ދަނޑު ބަދަލު ކުރެވިގެން ދާނެ ކަމަށެވެ.
ވެލިދޫގެ މަގުތައް ވެސް އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ފަސޭހައިން ދުއްވޭނެ ފަދަ ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވާނެ ކަމަށް އިބޫ ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ވެލިދޫ އަށް އިބޫ ވަޑައިގަތުމުން ވެލިދޫއިން ކީ ހޫނު މަރުހަބާއަށް އިބޫ ވަނީ ޝުކުރު އަދާކުރައްވާފައެވެ.