ދިވެހި ޤައުމާމެދު ވިސްނާ ކޮންމެ މީހަކަށްވެސް ރައީސް ޢަބްދުﷲ ޔާމީންގެ އެފުށާއި މިފުށް ވަރަށް ސާފު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ނ ވެލިދޫގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ކައުންސިލަރުންނާއި ފެނަކައިގެ މުވައްޒަފުންނާއި ސަރުކާރުގެ އެކިއެކި މުވައްޒަފުންނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ޓީޗަރުން އުފުރިގެން ލުހިގެން އައީމާ އޭގެ މާނައަކީ ވެރިކަން ނިމުނީ ކަމަށެވެ.
ރައީސް ޔާމީން ވެލިދޫން ބަލީވީމާ އޭގެ މާނައަކީ ބަލިވީކަމަށް ފާހަގަ ކުރައްވަމުން އަމީން ވިދާޅުވީ ރައީސް ޔާމީން ބަލިވެއްޖެ ކަމަށާއި ވެރިކަން ނިމިއްޖެ ކަމަށެވެ. އަދި 23 ސެޕްޓެމްބަރަށް މަޑުވެސް ކުރަން ނުޖެހޭކަމަށް އަމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މެނިފެސްޓޯ ތައްޔާރު ކުރުމުގައި ކުރިން އިސްކޮށް އުޅުއްވި އަދި މިސަރުކާރުގައި ކުރިން ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަމީން ވިދާޅުވީ އިންތިޚާބާ ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއްވެސް ދެން ނެތްކަމަށާއި ދިވެހި ޤައުމާ ދޭތެރޭ ވިސްނާ ކޮންމެ މީހަކަށްވެސް ރައީސް ޢަބްދުﷲ ޔާމީންގެ އެފުށާއި މިފުށް ވަރަށް ސާފު ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިވެހި ޒުވާނުންނަށް ދިވެހި ޤައުމާ ދޭތެރޭ ވިސްނާ ހުރިހާ މީހުންނަށްވެސް ރައީސް ޔާމީންގެ ވެރިކަމުގެ އެފުށާއި މިފުށް ވަރަށް ސާފު. އަޅުގަނޑުމެން އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރި މީހުންގެ ހައިސިއްޔަތުން އެހެން މީހުންނަށް ނުފެނިހުރި ކަންކަން ފެނުނު މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި އިތުރު އެންމެ ދުވަހަކު ބަހައްޓަންވެސް ހެޔޮ ނުވާނެ. އިތުރު ދައުރެއްގެ ވާހަކަ ނުދައްކަމާ ހިނގާ. އެމީހެއްގެ ހިތުގައި އެމީހެއްގެ ޝަޚުސިއްޔަތުގައި އިހުސާންތެރިކަމެއް އޯގާތެރިކަމެއް ނެތް މީހަކަށް ޤައުމެއްގެ ވެރިކަން ހަވާލުކުރަން ހެޔޮ ނުވާނެ. އެމީހެއްގެ ބޭބެޔަށް އިހްސާންތެރި ނުވި މީހަކު ރައްޔިތުންނަށް އިހުސާންތެރިއެއް ނުވާނެ. ބޭބެއަށް އިހުސާންތެރި ނުވެވުނު މީހަކަށް ރައްޔިތުންނަށް އޯގާތެރިއެއް ނުވާނެ" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ދަތުރުކުރާއިރު އަދި ކޮންމެ މީހަކާވެސް ބައްދަލުވާހިނދު ފެންނަ ކޮންމެ މަންޒަރަކުން މަޖްބޫރު ކުރުވަނީ ދިވެހި ޤައުމު ސަލާމަތް ކުރުމަކީ އަންނަން އޮތް އެތައް ޖީލަކަށް ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އެކަމުގެ އެންމެ މުހިއްމު ސަބަބަކީ ކުރިމަތިވެފައިވާ އަނިޔާވެރިކަންކަމަށް އަމީން ވިދާޅުވިއެވެ.
"އެންމެ މުހިއްމު އެންމެ މައިގަނޑު ސަބަބަކީ އަނިޔާވެރިކަން. އެއަނިޔާވެރިކަމުން ޤައުމު ސަލާމަތްކޮށްގެން މެނުވީ އަޅުގަނޑުމެން ދާން ބޭނުންވާ ތަރައްޤީގެ ރާސްތާއާ ހިސާބަކަށް ނުދެވޭނެ." އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ގެންނަވާނެ ތަރައްޤީގެ ތަފާތަކީ ތަރައްޤީ ހޯދަން މާލެދާން ނުޖެހުން ކަމަށާއި އެތަރައްޤީ ގެންނަވާނީ ރަށަށް ކަމަށްވުން ކަމަށެވެ. ނަމަވެސް މިހާރު ތަރައްޤީ ހޯދަން ބޭނުންނަމަ ދާންޖެހިފައިވަނީ މާލެއަށް ކަމަށް އަމީން ވިދާޅުވިއެވެ.