ހުޅުމާލޭ ބޮޑު މަގުގައި ބާރު ސުޕީޑުގައި ދިޔަ ވޭނެއް ފުރޮޅާލައި، ވޭނުގައި ތިބި މީހުންނަށް އަނިޔާވެއްޖެއެވެ.
މަންޒަރު ދުއް މީހަކު "ރާއްޖެއެމްވީ"އަށް ކިޔައިދިން ގޮތުގައި ހަތަރު މީހުންނާ އެކު ދަތުރު ކުރަމުން ދަނިކޮށް ފުރޮޅާލާފައި ވަނީ ސައުތު ކޭޓަރިންގެ ވޭނެކެވެ. ވޭން ކޮންޓްރޯލް ނުވެގެން ހިނގި އެ ހާދިސާގައި، އަނިޔާވި މީހުން އެ ވޭނުގެ ތެރެއިން ނެރުނީ އެ ސަރަހައްދުގައި ތިބި މީހުނެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ސޯލިހު ވިދާޅުވީ އަނިޔާވި މީހުންގެ ހާލަތު ބަލަމުންދާ ކަމަށާއި ތަފްސީލު ލިބުމުން މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.

މަންޒަރު ދުއް ބައެއް މީހުން ބުނި ގޮތުގައި ހުޅުމާލޭ ބޮޑު މަގު ޕީޕީއެމް ޖަހަގަ ކުރިމަތިން އެ އެކްސިޑެންޓު ހިނގީ، ވޭން ދުއްވާފައި ދިޔަލެއް ބާރު ކަމުން ޑްރައިވަރަށް އުޅަނދު ކޮންޓްރޯލް ނުކުރެވިގެންނެވެ. އެ އެކްސިޑެންޓުގައި ޕްރައިވެޓް ކާރަކަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވެއެވެ.
ހުޅުމާލޭގައި އެކްސިޑެންޓުތައް އިތުރުވެ، މިއަހަރު ތެރޭގައި އެކަނިވެސް ތިން މީހަކު ވަނީ މަރުވެފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު 10އަށް އަރައެވެ.